11 Mar 2013, 01:32
ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖެއްގެ މައްސަލައެއްގައި ގްރޫޕަކުން މިރޭ ހިންގި މާރާމާރީއަކާ ގުޅިގެން ކުޑަކުއްޖަކާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ. އެކަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ވަނީ މޫދަށް ފުންމާލައިގެން ފިލާފަ އެވެ.
ބޮޑުތަކުރުފާނު މަގު މާލޭ ޖަލު ސަރަހައްދު، ގާޑިޔަލެއްގެ ކައިރީގައި މިރޭ 11:30 އެހާކަންހާއިރު މާރާމާރީ ހިންގާފައި ވަނީ އަށް މީހުންގެ ގްރޫޕަކުންނެވެ. އެ މީހުން ވަނީ އެތަނުގައި ތިބި ބަޔަކަށް ލަޓިބުރިން ހަމަލާދީފަ އެވެ. އެ ގްރޫޕުން ވަނީ އެ ސަރަހައްދުގައި ހުރި ގާޑިޔަލުގައި ބޭނުން ކުރަމުންދިޔަ ކަތިވަޅި އާއި ވަޅިތައް ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގާޑިޔަލުގައި ހިދުމަތްދޭން ތިބި މެދު އުމުރުގެ ދިވެހި އަންހެން މީހާއާއި ބިދޭސީ މީހާ ވަނީ އެ ވަޅިތައް ހިފައިގެން، ދުވެ، ފިލާފަ އެވެ. އެ މީހުން ދުއްވައިގަތުމުން ގާޑިޔަލުން ހިދުމަތް ހޯދުމަށް ގޮސް ތިބި މީހުން ވެސް ބިރުން ދުއްވައިގަތެވެ.
"އަހަރުން ވެސް މިތާ ތިއްބައި ކުއްލިއަކަށް ސައިކަލުތަކެއްގައި އައީ އަށް ވަރަކަށް މީހުން. އައިގޮތަށް އައިސް ތަޅައިގަތީ. ތަޅައިގަނެގެން ބޮޑިވެގަތުމުން ތަނެއް ދޮރެއް ނޭނގޭ. ދެން އެ މީހުން އައީ ގާޑިޔަލުގައި ކުރުނބާ ހަދަން ބޭނުން ކުރާ ކަތިވަޅި އާއި އެހެން ވަޅިތައް ހޯދަން،" މަންޒަރުދުއް މީހަކު ބުންޏެވެ.
މާރާމާރީ ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ފުރަތަމަ އެ ސަރަހައްދަށް ދިޔައީ ޓްރެފިކް ފުލުހުންނެވެ. އެއަށްފަހު އިތުރު ފުލުހުންތަކެއް އައިސް މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރު ކުރި އެވެ. އަދި މާރާމާރީ ހިންގި މީހުން އަތުލައިގަތުމަށް އެ ދިމާލު ތޮށިމަތިން ފުލުހުން ދުއްވައިގަތުމުން އެކަކު މޫދަށް ފުންމާލައިގެން ފިލި އެވެ.
ފަހުން އެ މީހާ އެ ސަރަހައްދު ބޭރު ތޮށިގަނޑުގެ ގާތަކުގެ މަތިން ފެނުނު ކަމަށް މަންޒަރުދުއް ފަރާތްތަކުން ބުންޏެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވީ އެ މާރާމާރީގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަނިޔާވި މީހާގެ ކަނާއަތުގެ ދެ އިނގިލި ދޭތެރެއިން ތިން އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މާރާމާރީގައި 17 އަހަރުގެ ކުޑަކުއްޖަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ދެން ހައްޔަރު ކުރީ 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ ޒުވާނެކެވެ.
އެ މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ މާރާމާރީއާ ބެހޭ ތަފްސީލީ މައުލޫމާތުތަކެއް ފުލުހުން ނުދެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ލޯބީގެ މައްސަލާގައި ހިންގި އެ މާރާމާރީގައި އަނިޔާވެފައި ވަނީ އަންހެން ކުއްޖާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއަކަށް ވެސް ނޫނެވެ. އަނިޔާ ލިބިފައި ވަނީ ހަމަލާދޭން އުޅުނު މީހާ ސަލާމަތް ކުރަން އުޅުނު މީހަކަށެވެ.