ރާއްޖޭގައި މުވާސަލާތީ ހިދްމަތްދޭ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ޑަބްލިޔުނެޓްގެ މޯބައިލް ބްރޯޑް ބޭންޑާއި މޯބައިލް އިންޓަނެޓްގެ އާ ޕެކޭޖްތަކެއް މިރޭ ތައާރަފް ކޮށްފި އެވެ.

ވަތަނިއްޔާ އިން މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ އެކްޓިން ޑައިރެކްޓަރު ކަސްޓަމާ ރިލޭޝަންސް މެނޭޖެމެންޓް ފިލިޕް ޖޯޒެފް ވަނީ ވަތަނިއްޔާގެ މައި ކުންފުނި ކިޔުޓެލްގެ ނަން "އުރީދު" މި ނަމަށް ބަދަލު ކުރެވިފައިވާ ކަން އިއުލާނު ކޮށްފަ އެވެ. "އުރީދު"ގެ މާނައަކީ އަރަބި ބަހުން "އަހަރެން ބޭނުން" އެވެ. އަދި އޭނާ ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަނީ އަބަދުވެސް އެކުފުނީގެ ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތްތަކެއް ފޯރުކޮށްދެވޭތޯ އާއި އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކުންފުނިން ގަބޫލުކުރަމުން އައީ އަދި އެކުންފުނިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ކުންފުނީގެ ހިދްމަތް ލިބިގަންނަ ފަރާތްތަކުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް އެފަރާތްތަކުން އެންމެ ބޭނުންވާ ގޮތަށް އެންމެ ފުރިހަމަކޮށް ހިދުމަތްތައް ބައްޓަންކޮށްގެން ފޯރުކޮށްދިނުން ކަމަށެވެ.

ޓްރޭޑާސް ހޮޓެލްގައި މިރޭ އޮތް ހާއްސަ ހަފްލާއެއްގައި ވަތަނިއްޔާ އިން އަލަށް ތައާރަފް ކުރި ޕެކޭޖްތަކުގެ ތެރޭގައި 500 އެމްބީ އިން ފެށިގެން 12 ޖީބީއާ ދޭތެރޭގެ ފަސް ޕެކޭޖެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނޭ 500 އެމްބީ ޕެކޭޖްގެ އަގަކީ 99 ރުފިޔާ އެވެ. އަދި އެޕެކޭޖުން އިތުރަށް ބޭނުން ކުރާ ޑޭޓާގެ ކޮންމެ އެމްބީ އަކަށް ޗާޖް ކުރަނީ 20 ލާރި އެވެ. ޑަބްލިޔުނެޓް 199 ރުފިޔާ އަށްދޭ ޕެކޭޖްގައި ހިމެނެނީ 2ޖީބީ އެވެ. މި ޕެކޭޖްގައި އިތުރަށް ބޭނުން ކުރާ ކޮންމެ އެމްބީ އަކަށް ޗާޖް ކުރެވެނީ 15 ލާރި އެވެ. ޑަބްލިޔު ނެޓް 299 ރުފިޔާގެ ޕެކޭޖްގައި ހިމެނެނީ 4ޖީބީ އެވެ. މި ޕެކޭޖްގައި ވެސް އިތުރަށް ބޭނުން ކުރާ ކޮންމެ އެމްބީ އަކަށް ޗާޖު ކުރަނީ 15 ލާރި އެވެ. ޑަބްލިޔުނެޓް 599 ރުފިޔާގެ ޕެކޭޖްގައި ހިމެނެނީ 7ޖީބީ އެވެ. މިޕޭކްޖްގައި ވެސް އިތުރަށް ބޭނުން ކުރެވޭ ކޮންމެ އެމްބީ އަކަށް 15 ލާރި ޗާޖު ކުރާނެ އެވެ. ޑަބްލިޔުނެޓް 899 ރުފިޔާގެ ޕެކޭޖްގައި 12ޖީބީ ހިމެނޭ އިރު މި ޕެކޭޖްގައި އިތުރަށް ބޭނުން ކުރާ ކޮންމެ އެމްބީ އަކަށް ޗާޖްކުރާނީ އެންމެ ދިހަ ލާރި އެވެ.

ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން ކޮމިއުނިކޭޝަންސް އާއިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ ކުރިން އެކުންފުނިން ދިން ހިދުމަތްތައް ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭޑަށް ވަކިވަކިން ޕެކޭޖްތައް ހުރިނަމަވެސް އަލަށް ތައާރަފް ކުރި ފަސް ޕެކޭޖަކީ އެކުންފުނިންދޭ ބްރޯޑް ބޭންޑް އިންޓަނެޓާއި އަދި މޯބައިލްއިންޓަނެޓަށްވެސް ބޭނުން ކުރެވޭ ގޮތަށް ތައާރަފް ކޮށްފައިވާ ޕެކޭޖްތަކެކެވެ.

"އަޅުގަނޑުމެން މިރޭ މިލޯންޗު ކުރީ ވަރަށް އުފަލާ އެކު ރާއްޖޭގެ އެންމެ ފުރިހަމަ އިންޓަނެޓް އަދި އެންމެ ހެޔޮ އަގުގައި. ޑަބްލިޔުނެޓް ޕެކޭޖްތަކެއް މިލޯންޗްކުރީ ފަސް ޕެކޭޖެއް. މީގެ ހާއްސަ ކަމަކީ 12ޖީބީ އާއި ހަމައަށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މޯބައިލް ފޯނަށްވެސް މޯބައިލް ބްރޯޑްބޭންޑަށްވެސް ޕްރިޕެއިޑް ކަސްޓަމަރުންނަށްވެސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހަމަ އެއް ޕެކޭޖްތަކެއް. އެހެންވީމާ ވަކިތަފާތެއްވެސް ނުކޮށް މިއޮތީ ވަރަށް ފަސޭހަވެފަ ކުރިޔަށް އޮތްތާނގަ އިންޓަނެޓް ބޭނުންކުރަން" ޒަމްރާ ވިދާޅުވި އެވެ

ޒަމްރާ އިތުރަށް ވިދާޅުވީ ވަތަނިޔާއިން ގަބޫލު ކުރާގޮތުގައި މިހާރު ހިދްމަތްތައް ބޭނުން ކުރާ ފަރާތް ތަކުން އުޅެނީ ވަރަށް މޯބައި ލައިފްސްޓައިލް އެއްގަ އެވެ.

"ކޮންމެ ބޭފުޅަކުވެސް ބޭނުންވާނީ ޓްވިޓާއިންވެސް އަދި ފޭސްބުކްއިން ވެސް އޮންދަ މޫވްގައި އަޕްޑޭޓް ކޮށްލަން. އަދި ހަބަރު ކިޔާލާށާއި އެޕްލިކޭޝަންސް ޑައުންލޯޑް ކޮށްލާށާ އަދި ރަޒޫ ފަދަ ގޭމްސް ކުޅެލާ، ކޮންމެ ބޭފުޅަކީވެސް ވަރަށް މޯބައިލް ލައިފް ސްޓައިލެއް ގެންގުޅުއްވާ ބޭފުޅަކަށްވާތީ އަޅުގަނޑުމެން މި ޕެކޭޖްތަށް ތައާރަފް ކުރީ،" ޒަމް ވިދާޅުވި އެވެ.

ކުރިން މި ހިދްމަތްދޭ އެހެން ފަރާތްތަކުންނާއި އަދި ވަތަނިޔާއިންވެސް ޕެކޭޖް ތަކުގެ އިތުރަށް ބޭނުން ކުރެވޭ ކޮންމެ މެގަބައިޓަކަށް 10 ރުފިޔާ ޗާޖްކުރާ އިރު ވަތަނިއްޔާ އިން އަލަށް ތައާރަފް ކުރި ޕެކޭޖް ތަކުން އިތުރަށް ހިނގާ ކޮންމެ އެމްބީ އަކަށް ޗާޖްކުރާނީ އެންމެ ދިހަ ލާރި ކަމަށެވެ.

"ރާއްޖޭގައި މިހާރު ދެވޭ އެހެން ޕެކޭޖްތަކުން އެބަ ޗާޖުކުރެވޭ އިތުރަށް ބޭނުން ކުރާ ކޮންމެ އެމްބީ އަކަށް 10 ރުފިޔާ. އަޅުގަނޑުމެން މި ޕެކޭޖްތަކުން މި ޗާޖްކުރަނީ އެންމެ 10 ލާރި. އެހެންވީމާ ވަރަށް ބޮޑުތަން އެބަ ހެޔޮވޭ" ޒަމްރާ ވިދާޅުވި އެވެ.

ރާއްޖޭގައި ވަތަނިޔާ ކަވަރޭޖް ލިބޭ ހުރިހާ ހިސާބެއްގައިވެސް މިރޭ 12ގެ ފަހުން ވަތަނިއްޔާ ތްރީޖީ ޕްލަސް ސްޕީޑްގައި އަލަށް ތައާރަފް ކުރެވުނު ޕެކޭޖްތަކުގެ ހިދުމަތް ލިބޭނޭ ކަމަށެވެ. އަދި އެކުންފުނިން މިހާރު ހިންގަމުންދާ "ޓެކްނޮކޮޖީ މޮޑަނައިޒޭޝަން ޕްރޮޖެކްޓް"ގެ ފުރަތަމަ ފޭސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ނިމޭއިރަށް އެކުންފުނީގެ 4ޖީގެ ހިދުމަތްތައްވެސް ޓެސްޓް ކުރެވެން ފަށާނެ ކަމަށް ޒަމްރާ ވިދާޅުވި އެވެ. އެހެން ކަމުން ކުރިއަށް އޮތްތާނގައި އެކުންފުނިންދޭ މޯބައިލް ބްރޯޑްބޭންޑް އަދި މޯބައި އިންޓަނެޓްގެ ހިދުމަތުގެ "ސްޕީޑް" އިތުރަށް ހަލުއިވެގެން ދާނޭ ކަމަށާއި އަދި ރާއްޖޭގައި ދެވޭ އެންމެ ފުރިހަމަ އަދި އެންމެ ސްޕީޑް އަވަސް އިންޓަނެޓަށް ވެގެން ދާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.