14 Oct 2010, 05:53
ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ކޯޓަށް ހާޒިރު ކުރި މީހަކު ޝަރީއަތަށް ވައްދަން އުޅެނިކޮށް ހޭނެތިގެން ވެއްޓިއްޖެ އެވެ.
ޖިނާއީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެއީ ގަސްދުގައި ކުރި ކަމެއް ކަމެއް ނޫނީ ވީ ގޮތެއް ކަމެއް ނޭނގޭ ކަމަށާއި ޗެކް ބައުންސް މަސަލައެއްގައި ހާޒިރު ކޮށް މިދިޔަ އަންގާރަ ދުހު ޝަރީއަތަށް ވައްދަން އުޅެނިކޮށް ފިޓް ޖެހި، ހޭނެތިގެން ވެއްޓިފައިވާ ކަމަށެވެ.
"އޭނާ ހާޒިރު ކުރީ ވެސް ބަންދުގައި ހުއްޓާ ޕެނިޓެންޝަރީ މެދުވެރިކޮށް. ކޯޓުތެރެއަށް ވައްދަނިކޮށް ވެއްޓުމުން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް އެރުވުމުން އޭނާއާ ހަވާލުވީ ވެސް ޕެނިޓެންޝަރީން،" އޮފިޝަލު ވިދާޅުވި އެވެ.
ކޯޓުގެ އެހެން މުވައްޒަފަކު ބުނީ އެމީހާއަކީ ޗެކް ބައުންސް މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން ހާޒިރު ކުރާ މީހެއް ކަމަށާއި އޭނާ ޝަރީއަތަށް ވައްދަނިކޮށް ވެއްޓި ޖެހުމުން އަނގައިގެން ލޭ ވެސް އައި ކަމަށެވެ.
އޭނާ އަދި ބުނީ އެމީހާ އެ ގޮތަށް ވެއްޓުނު ކަމުގައި ވިޔަސް އެމީހާއަށް އެއްވެސް ކަމެއް ވެފައި ނުވާ ކަމަށް ޑޮކަޓަރު ބުނެފައިވާ ކަމަށެވެ.
އަދި ކޯޓުގެ އެހެން މުވައްޒަފަކު ބުނީ ޗެކް ބައުންސް މައްސަލަތަކުގައި ހާޒިރު ކުރާ އެ މީހާގެ ފަރާތުން އެފަދަ އަމަލުތައް ކުރިން ވެސް ފެނިފައިވާ ކަމަށެވެ.