ގައުމީ ކުތުބުހާނާ އާއި ލިޔުންތެރީންގެ ގުޅުމުގެ އެހީތެރިކަމާ އެކު ދަގަތަ ޕަބްލިޝާސް އިން އިސް ނަގައިގެން ދިވެހީން ފޮތަށް ލޯބިޖެއްސުމަށް ޓަކައި ހާއްސަ ކެންޕޭނެއް ފަށައިފިއެވެ.

މި ކެންޕޭނު ފެށުމުގެ ގޮތުން މިއަދު މެންދުރު 1:00 ގައި ކުޑަކުދީންގެ މަލްޓިމީޑިޔާ ލައިބްރަރީގައި އޮތް ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ދިވެހި ބަހާއި ތާރީޚަށް ޚިދްމަތް ކުރާ ގައުމީ މަރުކަޒުގެ ރައީސް ކަން ވެސް ކުރައްވައިފައި ވާ އަލްފާޟިލް ޢައްބާސް އިބްރާހީމެވެ. މި ޙަފްލާގައި ޝަރަފުވެރި މެހުމާނުގެ އިތުރުން ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ޝިޔާމާއި، ދަގަތަ ޕަބްލިޝާސްގެ ޖެނެރަލް މެނޭޖަރު ޢަބްދުއްރައްޒާޤް ޢަލީ ވެސް ވާހަކަ ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ޝިޔާމް ވިދާޅުވީ ގައުމެއްގެ ކުރިއެރުމާއި ތަރައްގީ ބިނާވެގެންވަނީ، އެ ގައުމެއްގެ ފަރުދުންނަށް ލިބިފައި ވާ އިލްމެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން އިލްމާއި މައުލޫމާތު ހޯދުމަށް ޓަކައި ފޮތް ކިޔައި، ފޮތަށް އަހުލުވެރި ވުމަކީ މުޖުތަމައުގެ ހަމަ ކޮންމެ ފަރުދަކު ވެސް ކުރާން ޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ޢައްބާސް އިބްރާހީމުގެ ވާހަކައިގައި، ކޮންމެ ބަހެއް ވެސް ދިރުވައި އާލާކޮށް ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ދަނީ އެބަހަކުން ލިޔެފައި ހުންނަ ފޮތް ކަމަށާއި، ފޮތް ކިޔުމުގެ ޝައުގުވެރިކަން މުޖުތަމައުގައި އަށަގެނުވޭނީ ކުޑަކުދީންގެ ހިތްތަކުގައި ފޮތްތެރިކަމަށް ލޯބި އުފެއްދުވިގެން ކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދަގަތަ ޕަބްލިޝާސް އިން ވަނީ ތުއްތު ކުދީންނަށް އަމާޒު ކޮށްގެން ވާހަކައިގެ ދެ ސިލްސިލާއެއް ނެރެފައެވެ. މިއިން ކޮންމެ ސިލްސިލާއެއްގައި ދިހަ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން ކިޔުންތެރީންނަށް އަގު ހެޔޮކޮށް ފޮތްތައް ގަންނާން ލިބޭނެ ވިއުގައެއް "ވުނަދާނަ"އިގެ ނަމުގައި އިފްތިތާހު ކުރެވުނެވެ. މި ވިއުގައިގައި ބައިވެރި ވުމުން، ދަގަތަ ޕަބްލިޝާސްގެ ފޮތްތައް %10 އާއި %25 އާ ދެމެދުގެ މިންވަރަކަށް އަގު ހެޔޮކޮށް ގަންނާން ލިބޭނެ ކަމަށް އެ ފަރާތުން ހާމަ ކުރެއެވެ.