ކާބުލް (މާޗް 10): އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ޓަކައި ތާލިބާން ޖަމާއަތާއި އެމެރިކާއިން ޤަތަރުގައި ވާހަކަ ދައްކަމުން ގެންދާކަމަށް އަފްޣާން ސަރުކާރުން ހާމަކޮށްފި އެވެ.

އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި (ފޮޓޯ) މިއަދު ވިދާޅުވީ ޤަތަރު ސަރުކާރު މެދުވެރިއަކަށްވެގެން ދަވްޙާގައި އެމެރިކާއާއި ތާލިބާން ޖަމާއަތުން ސުލްޙައިގެ ވާހަކަތަކެއް ކުރިޔަށްގެންދާ ކަމުގަ އެވެ. ނަމަވެސް މިވާހަކަތަކުގައި އެމެރިކާގެ ފަރާތުންނާއި ތާލިބާނުންގެ ފަރާތުން ބައިވެރި ވަނީ ކިހާފެންވަރެއްގެ ކޮންބައެއްކަން ކަރުޒާއި ހާމައެއްނުކުރައްވަ އެވެ. އަދި މިކަމާ ބެހޭ ތަފްސީލެއް ވެސް ކަރުޒާއި ދެއްވާފައެއް ނުވެ އެވެ. ކަރުޒާއިގެ ބަޔާނަށް ރައްދު ދެއްވަމުން ތާލިބާނުންގެ ތަރްޖަމާން ޒަބީޙުﷲ މުޖާހިދު ވިދާޅުވީ ތާލިބާން ޖަމާއަތާއި އެމެރިކާގެ މަންދޫބުން އެއްގޮތަކަށް ވެސް ބައްދަލުނުކުރައްވާ ކަމަށާއި އަދި ވާހަކަ ވެސް ނުދައްކަވާ ކަމަށާއި ކަރުޒާއި ހައްދަވަނީ އިތުރުފުޅު ކަމުގަ އެވެ.

ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ދެފަރާތުގެ މަންދޫބުން ޤަތަރުގައި ބައްދަލުކުރައްވައި ވާހަކަތަކެއް ދައްކާފައިވާ ކަމަށް ތާލިބާނުން ބުނެފައިވެ އެވެ. އެވާހަކަތައް ހުއްޓިފައި ވަނީ ކޮޅެއްގައި ނުޖެހި އެވެ. ތާލިބާނުން ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެކުރިން އެމެރިކާއާ ސުލްޙައިގެ ވާހަކަ ނުދައްކާނެކަން ހާމަކޮށްފަ އެވެ. ތާލިބާން ޖަމާއަތް ބުނާގޮތުން އަފްޣާނިސްތާނަށް ސުލްހަ ގެންނަން އެޖަމާއަތުން ވެސް ބޭނުންވެ އެވެ. ނަމަވެސް އެކަންކުރެވޭނީ އެމެރިކާގެ ޢަސްކަރީ ބާރާއި އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަން ކުރެވިގެން ކަމުގަ އެވެ. ތާލިބާނުން ކުރިން ވެސް ބުނަމުން ގެންދިޔަ ވާހަކަތައް އެޖަމާއަތުގެ ތަރްޖަމާން ޒަބީޙުﷲ މުޖާހިދު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

އެމެރިކާ އިން ވަނީ 2014 ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމަށް ނިންމާފަ އެވެ. އެމެރިކާ ފޭބުމަށް ފަހު ތާލިބާން ޖަމާއަތުން އަފްޣާން ސަރުކާރު ވައްޓާލައި ތާލިބާނުންގެ ވެރިކަމެއް އަލުން އެގައުމުގައި ޤާއިމްކޮށްފާނެ ކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރެ އެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ތާލިބާނުންގެ ސަރުކާރު ވައްޓާލާފައި ވަނީ 2001 ވަނަ އަހަރު އެވެ. (ރޮއިޓާސް)