މިހާރު ދުނިޔެ ދެކެމުންމިދަނީ ފާއިތުވި 11 ހާސް އަހަރުގެ ތެރޭގައި ދުނިޔެ އަށް ކުރިމަތިވި އެންމެ ހޫނުގަދަ ދުވަސްތައްކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެމެރިކާގައި ކޮށްފައިވާ މިދިރާސާ ބުނާގޮތުން ފާއިތުވި 11 ހާސް އަހަރު ތެރޭގައި ރެކޯޑް ކުރެވިފައިވާ ދުނިޔޭގެ އެވްރެޖް ހޫނުމިންތަކަށް ބަލާ އިރު ދުނިޔެ އެންމެ ބޮޑަށް ފިނިވެފައި ވަނީ 1900 ން 1910 އަށެވެ. އެއަށް ފަހު ދުނިޔެ އެންމެ ބޮޑަށް ހޫނުވެފައި ވަނީ 2000 ވަނަ އަހަރާއި 2010 އަކާ ދެމެދުގައި ކަމަށާއި 2010 ން ފެށިގެން ވެސް އެވްރެޖް ހޫނުމިން ދަށަށް ދާންފަށާފައިނުވާ ކަމަށް "ސައެންސް" މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ބުނެ އެވެ. އެމެރިކާގެ އޮރިގޮން ސްޓޭޓް ޔުނިވަސިޓީން ކުރި މިދިރާސާގައި ފާއިތުވި 11 ހާސް އަހަރު ތެރޭގައި ދުނިޔެ އަށް އައިސްފައިވާ ފިނިހޫނުމިން ބެލުމަށް ބިމުގެ އެކިތަންތަންކޮނެ ފޮސިލްތަކާއި ކުދިކުދި މެރިން އޮގަނިޒަމް ދިރާސާކޮށްފައިވެ އެވެ.

މިދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި ޝޮން މާކޮޓް ވިދާޅުވި ގޮތުގައި ފާއިތުވި 11 ހާސް އަހަރުގެ ތެރޭން 100 އަހަރު ތެރޭގައި ދުނިޔެ ވަނީ އެންމެ ފިނި ދުވަސްތަކާއި އެންމެ ހޫނު ދުވަސްތައް ދެކެފަ އެވެ. އައިސް އޭޖްގައި ވެސް މިހާއަވަހަށް ދުނިޔޭގެ ފިނިހޫނުމިނަށް ބަދަލުއައިކަން އެނގިފައެއް ނުވެ އެވެ. ނަމަވެސް އައިސް އޭޖުން ފެށިގެން ދެންކުރިޔަށް ދިޔަ ހަތް ހާސް އަހަރުތެރޭގައި ދުނިޔޭގެ ފިނިހޫނުމިނަށް އައިސްފައި ވަނީ އެއްޑިގްރީ އާއި ދެޑިގްރީއާ ދެމެދުގެ ތަފާތެއްކަން އޭނާ ފާހަގަކުރައްވަ އެވެ.

ރީސާޗަރުން ހާމަކުރައްވަ ގޮތުގައި ފާއިތުވި 250 އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން މައްޗަށް ދިޔުމުގެ ސަބަބަކީ ސިނާޢީ އިންޤިލާބަށް ފަހު ހަލުއިކަމާ އެކު ދުނިޔެ އަށް އަންނަމުންދާ ސިނާޢަތާއި އުފެއްދުންތެރިކަމެވެ. ސިނާޢީ އިންޤިލާބަށް މިހާރު 250 ވަރަކަށް އަހަރު ވެފައިވާ އިރު މިމުއްދަތުގައި ދުނިޔޭގެ ހޫނުމިން މައްޗަށް ދިޔުމުގެ ފަހަތުގައި ވަނީ ކާރުޚާނާތަކާއި ވެހިކަލް ތަކާއި އެނޫންވެސް ސިނާޢީ ތަކެތީން ޖައްވަށް އަރަމުންދާ ކާބަން ގޭސްތަކެވެ. ޚާއްސަކޮށް ކާބަން ޑައޮކްސައިޑެވެ. (ޔުނައިޓެޑް ޕްރެސް)