ދެހާސް އެގާރަ ވަނަ އަހަރު ޖަޕާނަށް އައި ޓޮހޮކޫ ބިންހެލުމުގެ އަޑުފަށްގަނޑު "ޖައްވުގެ ތެރޭގައި ގުގުމާލާފައިވާ"ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ރިކްޓާ މިންގަނޑުން 9.0ގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު އަޑުފަށްގަނޑު ޖައްވުގެ ތެރޭގައި ގުގުމާލި ކަމަށް ސައެންސްވެރިން ބުނެފައި މިވަނީ، ގީއޯސީއީ ސެޓަލައިޓުން މިއަޑު ރެކޯޑުކުރުމުން ނެވެ.

ދުނިޔޭގެ ކަނޑުގެ ސަތުހުން 255 ކިލޯމީޓަރު މަތީގައި ދަތުރުކުރާ ގުރެވިޓީ ފީލްޑް އެންޑް ސްޓެޑީ ސްޓޭޓް އޯޝަން ސާކިއުލޭޝަން އެކްސްޕްލޯރާ (ޖީއޯސީއީ) ސެޓަލައިޓްގެ ބާރުގަދަ އިކުއިޕްމަންޓުތަކުން މިއަޑުފަށްގަނޑު ރެކޯޑުކޮށްފައިވާ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ބުނެ އެވެ.

ޖިއޮގްރަފިކް ދާއިރާގެ މަޝްހޫރު ޖާނަލްއެއް ކަމަށް "ޖިއޮގްރަޕިކް ރިސާޗް ލެޓާސް"ގައި މިހޯދުންތައް ވަނީ ރިޕޯޓުކޮށްފަ އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ބިންހެލުމެއްގެ ސަބަބުން އުފެދޭ ސައުންޑްވޭވްސްއަކީ އިންފްރާސައުންޑް ނުވަތަ އެންމެ ދަށް ފްރިކުއެންސީތަކުގެ އެކައުސްޓިކް އަޑުތަކެއް ކަމުން އިންސާނުންގެ ކަންފަތްތައް މިއަޑު ނަގައެއް ނުގަނެވެ އެވެ.

އަދި މީގެ ކުރިން އެހެން އެއްވެސް ސެޓަލައިޓަކަށް ވެސް ބިންހެލުމެއްގެ ސަބަބުން އުފެދޭ އަޑު ރެކޯޑުކުރެވިފައިނުވާ އިރު، މިދާއިރާ އިން ކުރިއެރުމެއް ލިބިފައި މިވަނީ ޖީއޯސީއީގައި އީއެސްއޭ އިން ބޭނުންކުރަމުން އަންނަ ބާރުގަދަ އިކެއިޕްމަންޓުތަކުގެ ސަބަބުން ނެވެ.

"ޖީއޯސީއީގައި ބޭނުންކުރާ އިކުއިޕްމަންޓްތަކަކީ މީގެ ކުރިން އުފައްދާފައިވާ އިކުއިޕްމަންޓުތަކަށް ވުރެއް 100 ގުނަ މާ ބާރުގަދަ އިކުއިޕްމަންޓްތަކެއް. ޓޮހޮކޫ ބިންހެލުމުގެ ސަބަބުން އުފެދުނު އަޑުފަށްގަނޑު ޖީއޯސީއީ އިން ވަނީ ދެފަހަރަށް ރެކޯޑުކޮށްފައި،" ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ޑރ. ރޫން ފުލެބާހެގަން ވިދާޅުވި އެވެ.

އީއެސްއޭ އިން ބުނީ ޖީއޯސީއީ ސެޓަލައިޓުން މިއަޑު އެންމެ ފުރަތަމަ ރެކޯޑުކޮށްފައި ވަނީ ޓޮހޮކޫ ބިންހެލުމުގެ 30 މިނެޓު ފަހުން ޕެސިފިކް ކަނޑުގެ މަތިން ސެޓަލައިޓް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.

އަދި ދެ ވަނަ ފަހަރަށް މިއަޑު ޖީއޯސީއީ ސެޓަލައިޓަށް ރެކޯޑުކުރެވިފައި ވަނީ ފުރަތަމަ އަޑު ރެކޯޑުކުރެވުނުތާ 25 މިނެޓު ފަހުން ޔޫރަޕު ބައްރުގެ މަތިން ސެޓަލައިޓް ދަތުރުކުރަމުންދަނިކޮށެވެ.

ސައެންސްވެރިން ބުނީ މިއަޑަކީ ޓޮހޮކޫ ބިންހެލުމުގެ ސަބަބުން އުފެދުނު އަޑުކަން ޔަގީންކުރެވުނީ ޖީއޯސީއީގައިވާ އިކުއިޕްމަންޓުތައް ބޭނުންކޮށްގެން އަޑު ތުރީޑީކޮށް އެކުލަވާލެއްވުމަށް ފަހު، އަޑު އައި ސަރަހައްދު ޓުރެކްކުރުމުން ކަމަށެވެ.