ދިވެހި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން އަކީ މިނިވަން މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރާ ކޮމިޝަނެއް ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ އެކު މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ އިލެކްޝަންސް ކޮމިޝަނަރު ޑރ. އަލޮކް ޝުކްލާ ވިދާޅުވީ މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާއި އެނޫން ވެސް ްއިތިހާބުތައް އިންސާފުވެރި އިންތިހާބްތަކަކަށް ހަދައި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގެ ފުރިހަމަ ގާބިލްކަން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން އަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް. އަދި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން މަސައްކަތް ވެސް ކުރަނީ ވަރަށް މިނިވަންކަމާ އެކު. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބާއި އަދި އެ ނޫން ވެސް އިންތިހާބުތައް އިންސާފްވެރި އިންތިހާބްތަކަކަށް ހަދައި އަދި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގެ ފުރިހަމަ ގާބިލްކަން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގައި އެބަ ހުރި. އަދި އިލެކްޝަންސް ކޮމިޝަން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފުރިހަމަ އަށް ތައްޔާރު ވެފައި،" ޑރ. ޝުކްލާ ވިދާޅުވި އެވެ.

ޑރ ޝުކްލާ ވިދާޅުވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރަމުން ދަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށާއި އެގޮތުން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަކީ ވެސް މަސައްކަތަށް ވަރަށް ގާބިލް ބޭފުޅުން ކަމަށެވެ. އަދި ކޮމިޝަންގައި މަސައްކަތް ކުރާ ހުރިހާ މުވަޒިފުން ވެސް މަސައްކަތް ކުރަނީ ވަރަށް ފަރުވާތެރިކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެގޮތުން އެ ކޮމިޝަންގައި މަސައްކަތް ކުރާ ބޭފުޅުންނަށް އިތުރު ޓްރޭނިން ޕްރޮގުރާމްތަކެއް ހިންގަން ޖެހޭ ކަމަށް ވެސް ޝުކުލާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އިލެކްޝަންސް ކޮމިޝަންތައް މަސައްކަތް ކުރާ ގޮތް ދެނެގަނެ ތަޖުރިބާ ހޯދުމަށް އެހެން ގައުމުތަކުގެ އިންތިހާބްތައް ކުރިއަށްދާ ގޮތް ބެލުމަށް ޓަކައި ގިނަ ދަތުރުތަކެއް ކުރާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުކްލާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ޓެކްނޮލޮޖީގެ ގޮތުން އިތުރު ކުރުއެރުންތަކެއް ހޯދަން ޖެހޭ ކަމަށާއި އަދި އިންތިހާބުތަކުގައި ކެންޕޭން ކުރާ އިރު އެކަންތައްތައް ބެލެހެއްޓޭނެ ޒަމާނީ ގޮތްތަކެއް ތަޢާރަފް ކުރާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން ވިދާޅުވީ ރާއްޖެ އަށް މި ކުރި ދަތުރުގައި ރާއްޖޭގެ އިލްކެޝަންސް ކޮމިޝަނުން އިސްލާހު ކުރަން ޖެހޭ ކަންތައްތަކުގެ ރިޕޯޓެއް ތައްޔާރު ކޮށްފައި ކޮމިޝަނާ ހަވާލުކޮށްފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން އިތުރަށް ތަރައްގީކޮށް ކުރިއަރުވައި އަދި ތަނުގެ މުވަޒިފުންނަށް ދޭންޖެހޭ ތަމްރީނު ދިނުމުގައި އިންޑއާގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ހުރިހާ ގޮތަކުން ވެސް އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން ވަނީ ދެއްވާފަ އެވެ.