ބާސްކްޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ސްކޫލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަރުމަވަންތަ ސްކޫލާއި ކަލާފާނު ސްކޫލްގެ 14 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.

ދެ އުމުރުފުރައަކަށް ބަހާލައިގެން ތިން ގިންތިއެއްގައި ބާއްވާ މި މުބާރާތުގައި 14 އަހަރުން ދަށުގެ ފިރިންހެން ހަ ޓީމަކާއި 14 އަހަރުން ދަށުގެ އަންހެން ހަތަރު ޓީމަކާއި 16 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ހަ ޓީމަކާ އެކު ޖުމުލަ 16 ޓީމު ބައިވެރިވަފައިވާ މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ 12އިން 18 އަށް ކުޅިވަރު އެކުވެނީގެ "އައުޓްޑޯ ބާސްކެޓް ކޯޓު"ގަ އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ޓީމުތައް ބައިވެރިކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލް، ކަލާފާނު ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް އަދި މަޖީދިއްޔާ ސްކޫލުންނެވެ. އެ އުމުރުފުރައިގެ އަންހެން ޓީމުތައް ބައިވެރި ކޮށްފައިވަނީ ޣިޔާސުއްދީން، ކަލާފާނު، ޖަމާލުއްދީން އަދި އިސްކަންދަރު ސްކޫލުންނެވެ.

އެމްބީއޭ އިން މުޅިން އަލަށްފަށާ އިންޓަ ސްކޫލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގައި ބަވެރިވެފައި ވަނީ ދަރުމަވަންތަ، މަޖީދިއްޔާ، ޖަމާލުއްދީން، ތާޖުއްދީން، އިސްކަންދަރު އަދި ޣިޔާސުއްދީން ސްކޫލްގެ ފިރިހެން ޓީމު ތަކެވެ.

އެމްބީއޭ އިން މައުލޫމާތު ދިން ގޮތުގައި ޖުމުލަ 39 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ން 6:00އަށެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ 18 ވަނަ ދުވަހުގެ ހަވީރު އެވެ.