ރަށުގައި ބަނދަރެއް ނެތްކަމަށް ބުނެ ހދ. ހިރިމަރަދޫ ރައްޔިތުން އެރަށުގެ ކައުންސިލް އޮފީސް ހިސޯރުކޮށް އެތަނުގައި އިހްތިޖާޖު ކުރަމުން އެބަ ގެންދެ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ހިރިމަރަދޫ ކައުންސިލް މެންބަރު އަލީ އާދަމް ވިދާޅުވީ ރަށުގެ ރައްޔިތުން އަޑުއުފުލަމުންދަނީ އެ ރަށުގެ ބަނދަރުގެ މަސައްކަތް ވަގުތުން ފަށައި ދިނުމަށް އެދި ކަމަށެވެ.

"އަޅުގަނޑުމެން ހެނދުނު އޮފީހަށް އައި އިރު ކައުންސިލް އިދާރާ ހުރީ ބަންދު ކޮށްފައި. އަޅުގަނޑުމެން ކައުންސިލް އިދާރާ އަށް ވަންނަން މަސައްކަތް ކުރުމުން އެތާތިބި ރަށުގެ ރައްޔިތުން ބުނީ ދެން ތިބޭފުޅުން ކައުންސިލް އިދާރާއަށް ނުވަންނާށޭ. ދެން އެބޭފުޅުން ބެނާތަކާއި ޕޯސްޓަރުތަކާ ހިފައިގެން މިތާ މިތިބީ. އޭގައި ލިޔެފައި މިހުންނަނީ [އަޅުގަނޑުމެން ބޭނުމީ ބަނދަރެކޭ. ބަނދަރުގެ އަމަލީ މަސައްކަތް ފެށުނީމާ އަޅުގަނޑުމެން މިތަނުން އެނބުރި ދާނަމޭ]،" އަލީ އާދަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ގެޔަށް ވަޑައިގަތުމަށް ކައުންސިލް މެންބަރުން އެދުނު ކަމުގައިވީ ނަމަވެސް ރަށުގެ ރައްޔިތުން ބުނެފައި ވަނީ ބަނދަރުގެ މަސައްކަތް ނުފެށެނީސް އެތަން ދޫކޮށް ނުދާނޭ ކަމަށާއި އަދި ކައުންސިލް މެންބަރުންނަށް އެތާ އެތެރެއަށް ވެސް ނުވަދެވޭނޭ ކަމަށެވެ.

އެހެންކަމުން ކައުންސިލް މެންބަރުން ފޯނުން ގުޅުއްވާފައި އަތޮޅު ކައުންސިލަށް އެ ހަބަރު ދީފައިވާ ކަމަށާއި އެހެން ނަމަވެސް އަދި މިހާތަނަށް އަތޮޅު ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށެވެ.

ހިރިމަރަދޫ ކައުންސިލް މެންބަރު އަލީ އާދަމް ވިދާޅުވީ އެރަށުގެ ކުޑަކުދިން ފިޔަވައި ހުރިހައި ރައްޔިތުންހެން ދަނީ މި އިހްތިޖާޖުގައި ބައިވެރިވެ އަޑު އުފުލަމުންނެވެ.