ހ. ސަކީނާ މަންޒިލްގައި ހިންގަމުންދާ ފަރުނީޗަރު ފިހާރަ "ޕާކްވޭ ތިނެއް"ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތަށާއި އެތަނުގައި ހުރި މުދަލަށް ލިބުނު ގެއްލުން ދެ މިލިއަނެއް ހައި ރުފިޔާއަށް އަރާ ކަމަށް އެ ފިހާރަ ހިންގަމުންދާ ގޯލްޑަންލޭނުން ބުނެފި އެވެ.

ނުވަ ބުރިއަށް ނަގާފައިވާ ސަކީނާ މަންޒިލްގެ ފުރަތަމަ ފަންގިފިލާގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ގޯލްޑަންލޭނުގެ ޑިރެކްޓަރު އަބްދުﷲ ސައީދު މިއަދު ވިދާޅުވީ އެ ހާދިސާގައި އިމާރާތަށާއި އެތަނުގައި ހުރި މުދަލަށް ލިބުނު ގެއްލުން "އަންދާޒާކޮށްލުމުން" ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ހާދިސާގައި އަފިލާންރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވަނީ ފިހާރައިގެ ފުރަތަމަ ބުރީގައި ހަދާފައިވާ ގުދަނެއްގައި ހުރި ބައިސްކަލްތަކަކާއި ޕްލާސްޓިކް ގޮނޑިތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފަރުނީޗަރުތަކެއް ކަމަށް އަބްދުﷲ ސައިދު ވިދާޅުވި އެވެ.

"އިމާރާތުގެ ތިރީ ބުރިއާއި ފުރަތަމަ ބުރި ވެސް ބޭނުން ކުރަމުންދަނީ ޝޯރޫމެއްގެ ގޮތުގައި. އަލިފާން ރޯވީ ފުރަތަމަ ބުރީގައި ހަދާފައިވާ ގުދަނެއްގައި. އެތަނަކަށް ބަޔަކު ވަދެ ނޫޅޭނެ. ދެން އެތާނގެ ތެރޭގައި އަލިފާން ހިފައި، ފަސްޓް ފުލޯއަށް ގެއްލުންތަކެއް މިލިބުނީ، އަލިފާން ރޯވެ، އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު. ސީލިން ވެސް އަނދައިގެންދިޔައީ،" ކުންފުނިތަކެއް ގުޅިގެން އުފައްދާފައިވާ ގޯލްޑަންލޭނުން ހިންގާ ޕާކްވޭ ފިހާރައަށް ލިބުނު ގެއްލުމާ ގުޅޭ ގޮތުން އަބްދުﷲ ސައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ އެ ފިހާރައިގެ ފުރަތަމަ ބުރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާރެސްކިއު ޓީމުން ފެންޖެހުމުން، އިމާރާތުގެ ތިރީ ފުލޯއަށް ފެން ފައިބައި، ޝޯރޫމްގައި ހުރި ފަރުނީޗަރުތަކަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ވެސް ގިނަ ފަރުނީޗަރުތަކެއް ހަލާކުވި ކަމަށް އަބްދުﷲ ސައިދު ވިދާޅުވި އެވެ.

އިއްޔެ މެންދުރުފަހު 2:40 އެހާކަންހާއިރު ޕާކްވޭ ތިނެއްގައި އަލިފާނުގެ ހާދިސާ ހިނގީ އެ ފިހާރަ ހުޅުވާފައި ހުއްޓަ އެވެ. އެ ފިހާރައިގެ އަލިފާނުގެ ހާދިސާ ހިނގާން މެދުވެރިވި ސަބަބު މުވައްޒަފުންނަށް ވެސް ނޭނގޭ ކަމަށް އަބްދު ސައިދު ވިދާޅުވި އެވެ. "ކުއްލިއަކަށް އިމާރާތުން ކަރަންޓް ކެނޑުނީ. ދެން ދުން އަރަން ފެށުމުން އިމާރާތުން ފަޔާ އެލާމް އެޅުމާއެކު މީހުން ހުސްކުރީ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުން ވެސް ވަނީ އައިސް ހަރަކާތްތެރިވާން ފަށާފައި،"