10 Mar 2013, 15:30
އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް މާފަންނު ފުންފިނި މުޙަންމަދު ނަޞީރު ޢައްޔަން ކުރައްވައި އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެއްވައިފި އެވެ.
ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ފަތްކޮޅު ދެއްވުމަށް ފަހު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއާއި އިންޑީޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، މިހާރަށް ވުރެ ބޮޑަށް ވަރުގަދަ ކުރައްވައި، ދިވެހިންނަށް އިތުރު ފައިދާ އާއި މަންފާ ލިބޭނެ ގޮތަކަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ނަޞީރު، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.