10 Mar 2013, 15:22
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެދުނީ ވެސް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަޝިޕް ގަބޫލު ނުކޮށްގެން ކަމަށާއި އެހެންވީމާ އެ ޕާޓީއާ އެކު ކޯލިޝަން ނުހަދާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީނު އަލީ މިއަދު ވިދާޅުވީ ޑީއާރުޕީން ވަނީ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރެން ނިންމާފައި ކަމަށާ އެހެން ޕާޓީއަކާ ކޯލިޝަން ހެދިޔަސް ހަދާނީ އެ ހުދޫދުގެ ތެރެއިން ކަމަށެވެ.
"ޕީޕީއެމް އުފެދުނީ ވެސް ޑީއާރުޕީގެ ލީޑަޝިޕް ގަބޫލު ނުކޮށްގެން، އެހެންވީމާ އެ ޕާޓީއާ އެކު ޑީއާރުޕީން ދުވަހަކު ވެސް ކޯލިޝަނެއް ނުހަދާނެ،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު އަދި ވިދާޅުވީ ޚާންދާނީ ވެރިކަމަކަށް އެޕާޓީން ތާއީދެއް ނުކުރާނެ ކަމަށެވެ.
"ޚާންދާނީ (އާއިލީ) ވެރިކަމަކަށް، އަޅުގަނޑުމެންނަކަށް ތާއީދެއް ނުކުރެވޭނެ. އެހެން ވީމާ ވެސް ޕީޕީއެމްއާ ކޯލިޝަނެއް ނުހެދޭނެ،" ތަސްމީނު ވިދާޅުވި އެވެ.
ޕީޕީއެމް ނޫން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދާފާނެތޯ ދެންނެވުމުން ތަސްމީނު ވިދާޅުވީ އެފަދަ ކަމެއް ކުރަން ޖެހިއްޖެ ނަމަ ކޮށްފާނެ ކަމަށާއި އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ޕާޓީން ނިންމާފައިވާ އިރު ކޯލިޝަން ހަދާ ނަމަ ހަދާނީ އެ ހުދޫދުގެ ތެރޭގައި ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާހާ ހިނދަކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އެކުގައި ވެސް ޑީއާރުޕީން ކޯލިޝަން ނުހަދާނެ ކަމަށް ތަސްމީނު ކުރިން ވިދާޅުވެފައިވެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ދަނީ އެހެން ޕާޓީތަކަށް ބާރު އަޅަމުންނެވެ. ނަމަވެސް އެޕާޓީއާ އެކު އަދި އެއްވެސް ޕާޓީއަކުން ކޯލިޝަން ހަދާފައެއް ނުވެ އެވެ.