ޖުމްހޫރީ ޕާޓީގެ ވެބްސައިޓް ރޭ އިފްތިދާހު ކޮށްފި އެވެ.


ދަރުބާރުގޭ ހަކުރާ މާލަމުގައި ބޭއްވި ހަފްލާއެއްގައި އެ ވެބްސައިޓް އިފުތިތާހުކޮށްދެއްވީ އެ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމެވެ.


 ވެބް ސައިޓް އިފްތިދާހު ކޮށްދެއްވުމަށް ފަހު ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެބް ސައިޓުގެ ސަބަބުން ދިވެހި ރައްޔިތުންނާއި އެ ޕާޓީއާ ދެމެދު އޮންނަ ގުޅުން އިތުރުވެގެން ދާނޭ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.


‹އަޅު ގަނޑުގެ ފިކުރެއް އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ›


ގާސިމް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ރާއްޖެ އަށް ހެޔޮވެރިކަމެއް ތައާރަފުކޮށްދެއްވުމަށާއި ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ވެސް އެ މަގުސަދުގައި ކަމަށެވެ. އަދި އެކަމަށް ހޭދަ ކުރެއްވި ކަމަށާއި ވެރިކަން ބަދަލު ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގާސިމް ވިދާޅުވީ އެ ބޭފުޅުން ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާ ނުފެނުމުން އަދި އިތުރަށް އެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި އެކަމުގައި ދެމިހުންނަވާނެ ކަމަށެވެ.


"އަޅު ގަނޑުގެ ފިކުރެއް އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ." ޤާސިމް ވިދާޅުވި އެވެ.


ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ހަފްލާގައި އެ ޕާޓީ އަށް ދެ ބޭފުޅަކު ސޮއިކުރެއްވި އެވެ. އެ ދެ ބޭފުޅުންނަކީ ތައުލީމީ ދާއިރާ އަށް 30 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ މޫސާ އަބްދުﷲ އާއި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ހުޅުހެންވޭރު ދާއިރާއަށް ކުރިމަތި ލެއްވި ނާއިފު ޝައުކަތެވެ.


ރޭ ބޭއްވި ހަފްލާގައި އެ ޕާޓީގެ ކައުންސިލް މެންބަރުންނާއި އާންމު މެންބަރުން ބައިވެރިވި އެވެ.


އެ ޕާޓީގެ ވެބް ސައިޓް އެޑްރަހަކީ: ޖުމްހޫރީ ޕާޓީ ޑޮޓް އޯގް ޑޮޓް އެމްވީ އެވެ.