10 Mar 2013, 14:52
ޑިޖިޓަލް ފޮޓޯ ސްޓޯޑިއޯ އިން 300،000ރ.ގެ އަގު ހުރި ތަކެތި ވަގަށް ނަގައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޑިޖިޓަލް ފޮޓޯ ސްޓޫޑިއޯގެ ވެރިޔާ މުހައްމަދު ޝާފީ ވިދާޅުވީ ވަގުން ވައްކަން ކޮށްފައި ވަނީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.
އެތަނުން ވަގަށް ނަގާފައި ވަނީ ނިކޮން ބްރޭންޑުގެ ފަސް ކެމެރާ އާއި "މެކްމިނީ" ކޮންޕިއުޓަރަކާއި އައިޕެޑަކާއި އެތަނުގެ ތިޖޫރީގެ އިތުރުން ސީސީޓީވީ ކެމެރާތައް ރެކޯޑް ކުރާ ސިސްޓަމް ކަމަށް ޝާފީ ވިދާޅުވި އެވެ.
ތިޖޫރީ ވަގަށް ގެންދިޔައިރު އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށާއި ނަމަވެސް އެތަނުގެ ޗެކްފޮތާއި ޕާސްޕޯޓެއް ތިޖޫރީގައި އޮންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިޖޫރީގައި އެއްވެސް ފައިސާއެއް ނުހުންނާނެ. އެކަމަކު މިތަނުގެ ޗެކްފޮތާއި ޕާސްޕޯޓެއް އޮންނާނެ. އެ ޗެކްފޮތުގައި ސޮއިކޮށްފައި ނުވާނެ،"ޝާފީ ވިދާޅުވި އެވެ.
އެތަން ހުންނަނީ މޫނިމާހިނގުމުގައި ހުންނަ ހ. ސިލްކުވުޑްގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ.
ޝާފީ ވިދާޅުވީ ރޭ ފަތިސް ނަމާދުގެ ފަހުގެ ވަގުތެއްގައި އެތަނުން ނުކުމެގެން ދެ މީހަކު ދަބަހަކަށް އެއްޗެހިތަކެއް އަޅައިގެން ދިޔަ މަންޒަރު އެސަރަހައްދުގައި ހުރި މީހަކަށް ފެނިފައިވާ ކަމަށެވެ.
އެ ވައްކަމުގެ ސަބަބުން އެ ސްޓޫޑިއޯ އަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ޝާފީ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.