ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން މާލެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމަށް ބަޔަކު ރޭވި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ވެބްސަައިޓް މެދުވެރިކޮށް އަބްދުﷲ ރިޔާޒު ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވީ ހުސްވި ހަފްތާގެ ތެރޭގައި ވަކިން ހާއްސަކޮށް ރައީސް ނަޝީދު ހައްޔަރި ހާދިސާއާ ގުޅިގެން މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ބަޔަކު ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި އޭގެތެރެއިން ބައެއް ކަހަލަ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. ނަަމަވެސް އެމީހުން ރާވާފައި ހުރި ހުރިހާ ރޭވުންތައް ކާމިޔާބުވެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ ހުޝިޔާރު ކަމުން އެމީހުން ރާވާފައި ހުރި ހުރިހާ ރޭވުންތަކެއް ކާމިޔާބު ކުރެވޭނެ ގޮތެއް ނުވޭ. އެއީ ފުލުހުންގެ ހުޝިޔާރުކަމުން ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ވަގުތުތަކުގައި އަޅައި، އެއަމަލްތައް ހުއްޓުވުމަށް މަަސައްކަތްތަކެއް ކުރުމާ ގުޅިގެން ބޮޑެތި ޖަރީމާތަކެއް ނުހިންގާ މި މައިތިރި ކުރެވެނީ." ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މިދިޔަ ހަފްތާގައި ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފުލުހުންގެ ދެ ސައިކަލެއްގައި ރޯކޮށްލައި ދެ ވެހިކަލެއް ފުރޮޅާލައި ފުލުހުންނަށް އަނިޔާކުރި ކަހަލަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅާފައިވާ ކަމަަށެވެ. އަދި އެކަންކަމާ ގުޅޭ ތަހުގީގުތައް ކުރިއަށް ގެންދާ އިރު އެފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކާ މެދު ހަރުކަށި ވިޔަވަޅު އަޅާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންދިޔުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ކައިރީގައި ބަޔަކު ކުރިއަށް ގެންދިޔަ އެ މުޒާހަރާގެ ތެރޭގައި ހިންގި އެފަދަ މީހުންނާ ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުން ކުރަމުން ގެންދާ އިރު އެކަމާ ގުޅޭ އެއްވެސް ފޮޓޯއެއް ވީޑިއޯއް ވާނަމަ އެއެއްޗެއް ފުލުހުންނާ ހިއްސާކުރުމަށް ވެސް ރިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިހާރު ވެސް އާއްމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް ވިދާޅުވެ އެކަމަށް ކޮމިސަނަރު ޝުކުރު އަދާކުރެއްވި އެވެ.