މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ތިން މީހެއްގެ ހެކިބަސް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ހަތަރު ކުދިންނަށް މިއަދުގެ ޝަރީއަތަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެތެރެއިން މިއަދުގެ ޝަރީއަތަށް ހާޒިރުވީ އެންމެ ދެ ކުދިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ތިން މީހުންގެ ހެކިބަސް ވެސް ނަގާފައި ވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާކުކަން ނޭނގޭގޮތަށް ކަމަށެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް 12 މީހަކު ދައުލަތުން ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.

ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތްނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށްވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.

ފެބްރުވަރީ އަށްވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މީހުންގެ ތެރޭގައި ކައުންސިލަރުންނާއި ސިވިލްސާވަންޓުންގެ ގޮތުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ވެސް ހިމެނެއެވެ.