10 Mar 2013, 13:38
ދަނޑުވެރިކަން ކުރުމަށް ޔޮޓް ޓުއާސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކޮށްފައިވާ ހދ. ހޯޑައިދޫގެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވި ކަމަށް ބުނެ، އެ ރަށް ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ޔޮޓް ޓުވާސް އިން ކުރި ދައުވާގެ ޝަރީއަތަށް އެ ކުންފުނިން ހާޒިރު ނުވެގެން އެމައްސަލަ ކޯޓުން ބޭރުކޮށްފި އެވެ.
އެ މައްސަލާގައި މިއަދު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ މައްޗަށް ޔޮޓް ޓުވާސްގެ ފަރާތުން ކޮށްފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްްވުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ މަޖިލީހަށް އެ ކުންފުނީގެ ފަރާތުން ހާޒިރުކުރުމަށް ހަމަޖައްސާފައިވާ ގއ. ދާންދޫ، ބުލްބުލާގޭ، މުހައްމަދު ޒުހެއިރު އެކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.
އެ މައްސަލައިގެ ޗިޓާ ޒުހެއިރު ހަވާލުވެފައިވާ އިރު އެއްވެސް މަގުބޫލް އުޒުރެއް ނެތި ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލްކުރާ ގަވާއިދުގެ ދަށުން އެ މައްސަލަ ފޯމް ބާތިލުވެފައި ވާތީ އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެ މައްސަލާގައި މިއަދު ބޭއްވުމަށް ހަަމަޖައްސާފައިވާ ޝަރީއަތަށް ޔޮޓް ޓުއާސްގެ ފަރާތުން ހާޒިރުނުވެގެން އެ މައްސަލަ ބޭރުކޮށްލާފައިވާ ކަން އެޓާނީ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި ކުރިން ވެސް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެރަށް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"ބީލަން އެ ވަނީ ހުޅުވާލައިފައި، އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެެރެއިން މައުލޫމާތު ސާފުުކުރި ފަރާތްތަކުން ބިޑް ހަށަހެޅުމުގެ ފުރުސަތު މިހާރު އެވަނީ ހުޅުވިފައި. އެ މައްސަލަ ބޭރުކުރުމުން، އޭރު އެރަށުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ކޯޓުން އެންގި، ނަމަވެސް މިހާރު އެހުރަހެއް ވެސް ނެތް، އެހެންވެ މަސައްކަތް ހުއްޓާލި ހިސާބުން އަލުން ކުރިއަށް ގެންދާ ގޮތަށް މިނިސްޓްރީން ވަނީ ނިންމައިފައި،" ސޯލިހު ވިދާޅުވި އެވެ.
ހޮޑައިދޫގައި ދަނޑުވެރިކަން ކުރުމަށް ޝައުގުވެެރިވާ ފަރާތްތަކުގެ ތެެރެއިން މިހާތަނަށް މައުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުން މި މަހުގެ 27ގެ ކުރިން ބީލަންތައް ހުށަހަޅަން ޖެހެ އެވެ.