10 Mar 2013, 13:20
އަދާލަތު ޕާޓީން ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުންގެ އަދަދު މަދުވެއްޖެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބު ދައްކާ ގޮތުން މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަ އަށް ބޮޑެތި ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުން މަދުވުމަށް ފަހު އަދާލަތު ޕާޓީ އަށް ވަނީ 3302 މެންބަރުން އިތުރުވެފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އާއި އަދި ދެ ވަނަ އަށް އެންމެ ގިނަ މެންބަރުން ތިބި ޕީޕީއެމް އިން ވެސް ވަނީ 400 މެންބަރުން މަދުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނަނީ އެމްޑީޕީގެ 46112 މެންބަރުން މި މަސް ފެށުނު އިރު ތިބި ނަމަވެސް މިހާރު އެ ޕާޓީން 446 މެންބަރުން މަދުވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ ޕާޓީގައި ތިބި މެންބަރުން އަދަދަކީ 45666 އެވެ. ނަމަވެސް އެ ޕާޓީން އިލެކްޝަނަށް މިހާރު ހުށަހަޅާފައިވާ 1323 ފޯމްވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ޕީޕީއެމްގައި މި މަސް ފެށުނު އިރު 22824 މެންބަރުން ތިބި ނަމަވެސް މިހާރު އެ ޕާޓީން ވަނީ 441 މެންބަރުން މަދުވެފަ އެވެ. އެހެން ނަމަވެސް އަދި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ނުކޮށް 1671 ފޯމް އެބަ ހުރި ކަމަށް އެކޮމިޝަނުން ބުނެ އެވެ.
ހަމައެހެންމެ 12431 މެންބަރުން ތިބި ޖުމްހޫރީ ޕާޓީން 227 މެންބަރުން މަދުވެ އެ ޕާޓީގެ މެންބަރުން އަދަދު 12154 އަށް ދަށްވެފައިވާ އިރު ޑީއާރުޕީން ވެސް ވަނީ 571 މެންބަރުން މަދުވެ މެންބަރުންގެ އަދަދު 21411 ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން ވެސް އެންމެ ފަހުން އުފެއްދި އެމްޑީއޭ އިން ވެސް މެންބަރުން މަދުވެ 3349 މެންބަރުނަށް މަދުވެފައިވާ އިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ނުކޮށް 7608 ފޯމް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުގައި ބުނެ އެވެ.
މެންބަރުންގެ އަދަދު 10000 ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ އިރު 10000 މެންބަރުން ހަމަވެފައިވާ ފަސް ސިޔާސީ ޕާޓީއެބަ އޮތެވެ.