މަޖީދީއްޔާ ސްކޫލްގެ ޓީޗަރުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައި ދިނުމަށް އަހުލުވެރި ކުރުވުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީ ޕާމަނެންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން ވިދާޅުވީ މަޖިދީއްޔާ ސްކޫލަކީ މިހާރު ވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލްކޮށް ކިޔަވައިދެމުން އަންނަ ސްކޫލަކަށް ވުމުން މިއަދު ފެށޭ ވޯކްޝޮޕްގެ ސަބަބުން ޓީޗަރުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އިތުރަށް އަހުލުވެރިވެގެންދާނެ ކަމަށެވެ.

އެ ރަސްމީއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖީދިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޒީނާ ގާސިމް ވިދާޅުވީ މިއަދު މިފެށި ވޯކްޝޮޕް ނިމިގެންދާ އިރު ސްކޫލްގެ ހުރިހާ ޓިޗަރުން ވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ތަމްރީން ކުރެވިގެންދާނެ ކަމަށެވެ. އަދި އެ ވޯކްޝޮޕްގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލްކޮށް ވަކިވަކި މާއްދާތައް ކިޔަވައި ދިނުމުގައި ގެންގުޅޭނެ އުސޫލްތައް ވެސް ޓީޗަރުންނަށް އެނގިގެންދާނެ ކަމަށް ވެސް ޒީނާ ވިދާޅުވި އެވެ.

ޒީނާ އިތުރަށް ވިދާޅުވީ އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމުގައި ޓީޗަރުން ތަމްރީން ކުރުމަށް ހަރަކާތްތެރި ވާނީ މެލޭޝިޔާގެ ތަޖުރިބާކާރެއް ކަމަށެވެ.