10 Mar 2013, 12:06
ނ. ފޮއްދޫ ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހްރޫމްވެފައިވާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތަކުގައި ސަރުކާރުގެ ހުރިހާ އޮފީސްތައް ބަންދުކޮށްފައި ހުންނަތާ ހަފްތާއެއް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.
ފޮއްދޫ ކައުންސިލް މެންބަރު އަހްމަދު ވަސީމް ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެ ރަށު ރައްޔިތުން ނިކުމެ އިހްތިޖާޖު ކުރަމުން އަންނަތާ ހަފްތާއެއް ވެފައިވާ އިރު އެ ރަށު ރައްޔިތުން ނިކުމެ ސްކޫލް ބަންދުކުރުމާ ގުޅިގެން ސްކޫލްގައި ކިޔަވައި ނުދޭތާ ވެސް ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.
ވަސީމް ވިދާޅުވީ ރަށުގައި ލަފާ ފުރުމުގެ ދަތިކަން "އިންތިހާއަށް ބޮޑު"ވެފައިވާ އިރު ސިއްހީ ހިދުމަތުން ވެސް އެ ރަށުގެ ރައްޔިތުން މަހްރޫމް ވެފައިވާކަން އިހްތިޖާޖު ކުރަމުންދާ ފަރާރްތަކުން ފާހަގަ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެނަށް މި ރަށު ލަފާފުރޭނެ ގޮތެއް ވެސް ނެތް. ހަމަ އެކަނި އަޅުގަނޑުމެން ރައްޔިތުން އެދެމުންދަނީ ހަމަ އެކަނި ލަފާފުރޭނެ ވަރަށް ބަނދަރު މަރާމާތުކޮށްދޭން. އޭގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު ވެސް އެހާމެ ދަށް. ހުމެއް އަޔަސް މިރަށުގެ ރައްޔިތުން މި ޖެހެނީ އެހެން ރަށަކުން ލޯންޗެއް ކުއްޔަށް ހިފައިގެން އެހެން ރަށަކަށް ދާން. އެއީ އިހްތިޖާޖުތަކަށް ނުކުމެ ތިބި އެންމެ ބޮޑު ސަބަބަކީ. އަސާސީ ގިނަ ހިދުމަތްތަކުން މަހްރޫމް ވެފައި ތިބުން،"
ވަސީމް ވިދާޅުވީ އޭނާގެ އިތުރުން ބައެއް ކައުންސިލް މެންބަރުން ސަރުކާރުގެ ކަމާ ބެހޭ ބޭފުޅުންނާ ވާހަކަ ދައްކައިގެން ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ގިނަ ކައުންސިލަރުން މި ވަގުތު މާލެ އައިސް މި މަސައްކަތްކުރަނީ އެކަން ހައްލު ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.