ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާކޮށް، އެގޭ ކައިރީ ފާރައަށް ހުރި ކުއްޖާގެ މައްޗަށް ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޝާންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އިރު އެގޭ ކައިރީ ފާރައަށް ހުރި ކުއްޖާގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާކޮށް މައްސަލަ ފޮނުވާފައި ވަނީ ޖުވެނައިލް ކޯޓަށް ކަމަށެވެ.

އަފްރާޝީމަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހ. ލޮބީ ހުސެއިން ހުމާމް އަހްމަދުގެ މައްޗަށް ވެސް ދައުލަތުން ވަނީ މީގެ ކުރިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އެ ދައުވާ އަށް އިންކާރުކޮށް އޭނާ ވަނީ ދައުލަތުގެ އެހީގައި ގާނޫނީ ވަކީލަކު ހަމަޖައްސައިފަ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޝާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި އެންމެންގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އެ މައްސަލައިގެ ތުހުމަތުގައި ސިފައިންގެ މީހަކާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ކޯޓުން މިހާރު ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.

އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލު ގޭގެ ސިޑިކައިރީގައި އޭނާ މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ފުލުހުން ބުނެފައި ވަނީ އެ އަމަލަކީ ދުރާލައި ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެކަމުގެ އަޑީގައި ވަނީ ސިޔާސީ ބައެއް ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ ގުރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.