މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ އޯޕަން އެއިޓް ބޯލްސް ޗެންޕިއަންޝިޕް އިއްޔެ ފަށައިފި އެވެ.

ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގައި އިއްޔެ ފެށި އެ މުބާރާތުގައި ޖުމްލަ 52 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިސްމާއިލް ސުވައިދު ބުނީ، އެއް އަހަރުގެ މެދުކެނޑު މަކަށް ފަހު އިއްޔެ ފެށި މުބާރާތުގައި ޖުމްލަ 52 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 16 ގްރޫޕަކަށް ކުޅުންތެރިން ބަހާލައިގެން ކަމަށެވެ.

"މުބާރާތުގައި އިއްޔެ ހަތަރު ގްރޫޕެއްގެ ކުޅުން ނިމި، އެ ގްރޫޕްތަކުން ބައެއް ކުޅުންތެރިން ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައި. މިރޭ ވެސް މުބާރާތުގެ ކުޅުން ކުރިއަށްދާނެ. މުބާރާތުގެ ކުޅުން ކުރިއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް." ސުވައިދު ބުންޏެވެ.

ސުވައިދު ބުނީ، މުބާރާތުގެ އެއް ވަނަ އަށް އަންނަ ކުޅުންތެރިއަކަށް ތައްޓާއި މެޑަލްއާ އެކު 3000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގެ ދެ ވަނަ އަށް އަންނަ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ތައްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމެއްގެ ގޮތުގައި ދޭ 1500 ރުޕިޔާ އެވެ.