10 Mar 2013, 11:33
މިދިޔަ އަހަރުގެ ފެބްރިއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ 72 މީހަކަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މީހުންނަށް މައުލޫމާތު ދީފައި ވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ގުޅައިގެން ކަމަށެވެ.
މައުލޫމާތު ދިން މީހުންގެ ތެރޭގައި ތިނަދޫ ކައުންސިލަރުން ވެސް ހިމެނެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގދ. އަތޮޅު ކައުންސިލް މެންބަރު އަހްމަދު ގައިސު ވިދާޅުވީ އޭނާ އަކީ ވެސް ކޯޓުން ބުނާ 72 މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އޭނާ އަށް ޝަރީއަތާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައުލޫމާތު ދިނުމަށް ކުރި މަސައްކަތް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ނާކާމިޔާބުވުމުން ފޯން މެދުވެރިކޮށް މައުލޫމާތު ދިނުމަށް އިއްޔެ ފެށި ކަމަށެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ދެނީ ކާކުކަން ތިނަދޫ ކޯޓުން ބުނެދީފައި ނުވާތީ މައުލޫމާތު ދިނުމަށް ކްރިމިނަލް ކޯޓުން ކުރި ފޯން ކޯލަށް ޖަވާބުދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑަކަށް މައުލޫމާތެއް ނުލިބޭ. އަޅުގަނޑު ނޫނަސް އެތަށް ބަޔަކު އެބަތިބި މައުލޫމާތު ނުލިބޭ. ތިނަދޫ ކޯޓުގައި އަޅުގަނޑުމެން ސުވާލުކުރުމުން މައުލޫމާތު ދެއްވަނީ ކޮންބޭފުޅެއް ކަމެއް ނުއެއްބުނޭ. އެހެންވެ އަޅުގަނޑު އެ ފޯނެއް ނުނަގަން. މައުލޫމާތުދެނީ ކާކުކަން ނޭނގެންޏާ ކިހިނެތްތޯ ފޯނުނަގާނީ. ޕީޕީއެމް އޮފީހުން ވެސް ގުޅާފާނެ ނޫންތޯ،" ގައިސް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ 72 މީހުންނަށް މައުލޫމާތު ދެވިފައިވާ ކަމަށާއި މިހާރު މައުލުމާތު ނުދެވި ވަނީ އެންމެ 17 މީހުންނަށް ކަމަށެވެ. އަދި އެ މީހުންނަށް މައުލޫމާތު ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކޯޓުން ކުރަމުންގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުޖަހައި އަންދާލާފައި ވަނީ ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގައި ބޭނުންކުރަމުން ދިޔަ ވެހިކަލްތަކާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ތިނަދޫ ބްރާންޗްގެ ލޯން އޮފިސަރު މުހައްމަދު އަލީ އާއި ތިނަދޫ ކައުންސިލް މެންބަރުންކަމަށްވާ ހައުލަތު އަލީ އާއި ކިނާނަތު މުހައްމަދާއި އަލީ ޝާމާއި ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ޒާހިރު ވެސް ހިމެނެ އެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި ހަތަރު ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.