ރައްޔިތުންގެ މަޖިލީހުން ދެ ފަހަރެއްގެ މަތީން ފާސްކޮށް ރައީސުލްޖުމްހޫރި އަށް ތަސްދީގު ކުރުމަށް ލާޒިމުވާ ގޮތަށް ފާސްކޮށްފައިވާ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒްގެ ބިލްގައި ގާނޫނު އަސާސީއާ ފުށުއަރާ އަދި ނޫސްވެރިކަމަށް ހުރަސްއެޅޭ މާއްދާތައް "ވަގުތުން" ބަދަލު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އޭސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ތަސްތީގު ކުރުމަށް ލާޒިމުވާ ގޮތަށް ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ނޫސްވެރިކަމަށް ސީރިއަސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެގޮތުން އިމްތިޔާޒް ބިލްގެ 17 ވަނަ މާއްދާގެ(ހ)ގައި ނޫސްވެރިން އިސްތިސްނާ ކުރުމެއް ނެތި ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމުގެ ފަހަތުގައި ނޫސްވެރިކަމަށް ސީރިއަސް ގޮންޖެހުންތަކެއް ހުރި ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެން ކަމުން އެއީ ގާނޫނު އަސާސީ އިން ނޫސްވެރިންނަށް ދީފައިވާ ހައްގުތަކާ ފުށުއަރާ މާއްދާއެއް ކަމަށާއި އެ މާއްދާ އުވާލުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

"ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައިވާ ނޫސްވެރިކަމަށް ހާއްސަ ހައްގުތަކެއް ދީފައިވާ އިރު، އެ މާއްދާގެ ފަހު ޖުމްލައިގައި ބުނަނީ މީޑިއާއަކުން ޝާއިރުކުރާ މާއުލޫމާތެއް ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިމްތިޔާޒް ބިލްގެ 17 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިނަށް އެފަދަ އެއްްވެސް އިސްތިސްނާއެއް ނެތި މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް، މަސްދަރު ހާމަކުރުމަށް އެންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުން އެ ބިލްގެ އެ މާއްދާގެ ސައްހަކަމާ މެދު މި ޖަމިއްޔާ އިން ސުވާލު އުފައްދާ ކަމަކެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ އިމްތިޔާޒިގެ ބިލްގެ ހަތަރު ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ގަދަރަށް އަދި އެ މަޖިލީހުގެ މަސައްކަތަށް "ހުރަހެއް އެޅިދާ ފަދަ ކޮންމެ އަމަލަކީ" މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބިދާނެ ކަމެއް ކަމަށް އެ ބިލްގައި ބުނެފައިވާ އިރު އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅިފައިވާ އަކުރުތަކުގައި މަޖިލީހުގެ އިމްތިޔާޒްތަކަށް ގެއްލުން ދިނުމަކީ ކޮބައިކަން އެހާސާފްކޮށް ބަޔާންކޮށްފައި ނެތްކަން ފާހަގަ ކުރާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އޮތް ފުރުސަތު ހަނިކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވައިގެން ކަމަށާއި ނަމަވެސް ރައްޔިތުން މަޖިލީހުން އިމްތިޔާޒްގެ ބިލް ފާސްކުރި އިރު އެމްޑީޕީ މެންބަރު ވޯޓު ދެއްވުމަކީ އެ ޕާޓީން ކުރިން ނިންމާފައިވާ ނިންމުން ބަދަލު ކުރެއްވީތޯ ސުވާލު އުފެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުގެ ބިލް ފުރަތަމަ އަނބުރާ ފޮނުވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2006 ވަނަ އަހަރު އެވެ. އެ އަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި އެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި އެވެ. ނަމަވެސް އެ ބިލް ރައީސަށް ތަސްދީގު ކުރެއްވުމަށް ލާޒިމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ، އަނެއްކާ ވެސް ފާސްކޮށްފަ އެވެ.

ތިން ރައީސުން ވެސް އެ ބިލް އަނބުރާ ފޮނުއްވާލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނުބައްދަލު ބާރުތަކެއް ނަގާފައިވާ ކަމަށް ބުނެ އެވެ. އެ ބިލްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ބާރުތަކަކާއި އިނާޔަތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ރައީސް އަށް ބިލް ތަސްދީގު ކުރެއްވުމަށް ލާޒިމުވާ ގޮތަށް އޮތް ބިލް ދެ ވަނަ ފަހަރަށް ފާސް ކުރުމަށް މައިގަނޑުކޮށް ވޯޓުދީފައި ވަނީ އެމްޑީޕީ މެންބަރުންނާއި ޑީއާރުޕީ މެންބަރުންނެވެ.