10 Mar 2013, 10:59
ހަ މިނިސްޓްރީ އަކަށް ޕާމަނަންޓް ސެކްރެޓަރީން ހޯދުމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާން ކޮށްފި އެވެ.
ޕާމަނަންޓް ސެކްރެޓަރީން ހޯދުމަށް އިއުލާން ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީ އަށާއި ހޯމް މިނިސްޓްރީ އަށާއި އިކޮނޮމިކް މިނިސްޓްރީ އަށާއި ޓޫރިޒަމް މިނިސްޓްރީ އަށާއި ފިޝަރީޒް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ.
ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނަނީ އެ މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރެވިފައިވާ މުއްދަތު ހަމަވެފައިވާތީ އެ ކޮމިޝަންގެ ގާނޫނާއި ގަވާއިދުގައި ވާގޮތުގެމަތިން ޕާމަނަންޓް ސެކްރެޓަރީން ހޯދުމަށް އިއުލާން ކުރީ ކަމަށެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ ވަޒީފާއަށް ކުރިމަތިލާ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އަދި އެ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ސަނަދެއް ކަމަށް ވެސް ވާންޖެހެއެވެ.
ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައި ވުމާއި ހިންގުމުގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ މަގާމުގެ މުސާރައަކީ 20،500ރ. ކަމަށާއި މުސަރައިގެ އިތުރުން ލިވިންއެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 15،000ރ. ލިބޭނެ ކަމަށް ވެސް އެ އިއުލާންގައި ވެއެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައި ވެއެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކޮމިޝަންގެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ސީއޭސްސީގެ އިއުލާންގައި ވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ޙަސަން ދީދީ ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަގާމުގެ ކްރަައިޓީރިޔާތައް ކޮމިޝަނުގެ ވެބްސައިޓުގައި ހާމަ ކޮށްފައި ވާނެ ކަމަށާއި، މަގާމުގެ ތަޖުރިބާއަށް ވެސް ވަކި ވަރަކަށް ޕޮއިންޓް ދޭ ގޮތަށް ހަމަޖެހިފައިވާތީ، މިހާރު އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަލުން އެ މަގާމުތަކަށް ކުރިމަތި ލައްވައިފި ނަމަ އެ ބޭފުޅުންނަށް ތަޖުރިބާއާ ގުޅޭ ދާއިރާއިން ޕޮއިންޓް ލިބޭނެ ކަމަށާއި، މި ގޮތުން މަގާމަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންނަށް ކަނޑައެޅިފައިވާ ދާއިރާތަކުން ޕޮއިންޓް ދިނުމަށް ފަހު އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތެއް ނަންގަވާނީ ކަމަށެވެ. މަގާމުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވަކި ހާއްސަ އިސްކަމެއް ދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.