ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ޖިނާއީ ކޯޓަށް ހާޒިރުކުރާ މީހުންގެ ތެރޭ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ޖިނާއީކޯޓަށާއި ފުލުހުންގެ މަސައްކަތަށް ދަތިވެއްޖެ ކަމަށް ޖިނާއީ ކޯޓުން ބުނެފި އެވެ.


ޖިނާއީ ކޯޓުން ބުނީ އެ މައްސަލަ ބޮޑުވެ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކާ އެކު ޖިނާއީ ކޯޓުން މިހާރު މަޝްވަރާކޮށްފައިވާ ކަމަށެވެ.


ކޯޓުން ބުނީ އެ ކޯޓަށް ހާޒިރު ކުރާ ބިދޭސީންގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައިތިބޭ ބިދޭސީން ހިމެނޭ ކަމަށެވެ.


އަދި ބުނީ އެ ފަރާތްތައް ކޯޓަށް ހާޒިރު ކުރާއިރު ދައުލަތުގައި އެމީހުންގެ މައުލޫމާތު ނެތުމުން މައްސަލަތައް ވަކިގޮތަކަށް ނުނިމި ގިނަދުވަސްވާ ކަމަށާއި އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.


ކޯޓުން ބުނީ އެފަދަ ބިދޭސީންގެ މައްޗަށް ދަޢުވާކުރުން ނުވަތަ ޑީޕޯޓުކޮށް ރާއްޖެ އިން ފުރުވާލުމާ މެދު ދަޢުލަތުގެ ކަމާ ބެހޭ އިދާރާތަކުން ގޮތެއް ނިންމުން އަވަސްކުރުމުގެ މުހިންމު ކަމާމެދު ވެސް ކޯޓުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.


ޖިނާއީ ކޯޓުން މަޝްވަރާ ކުރި ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި އިމިގްރޭޝަނާއި ޕީޖީ އާއި ހޯމް މިނިސްޓްރީ ހިމެނެ އެވެ.


ފުލުހުންގެ ސަބް އިނިސްޕެކްޓަރު އަހުމަދު ޝިޔާމު މިރޭ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކޯޓް އަމުރު ހޯދުމަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.