މާލޭ އެއްނަމްބަރު ކުނިކޮށީގައި ރޯ ކޮށްލުމާ ގުޅިގެން ދުން އަރައި ނުބައިވަސް ދުވި ކުނިތައް ރޭ އެއްކޮށް ހުސްކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެމްޓީސީސީ އާއި މާލޭ ސިޓީކައުންސިލް ގުޅިގެން ކުރަމުންދިޔަ މަސައްކަތުގެ ދަށުން ރޭ ގާތްގަނޑަކަށް 2:00 ހާއިރު އެކުނިތައް ހުސްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި މިހާރު މަސައްކަތް ކުރަމުންދަނީ ކުނިކޮށީގައި ހުރި އެހެން ކުނިތައް ހުސްކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

މާލޭ އެއްނަމްބަރު ކުނި ކޮށީގައި ރޯވެ އެތަނުން އަރާ ދުމާއި ދުވާ ނުބައި ވަހުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވެ އިމާދުއްދީން ސްކޫލްގެ ކިޔެވުން ވެސް ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ރޭ ކުނިކޮށީގެ ދުންއަރާ ކުނިތައް ސާފު ކުރެވުމާ ގުޅިގެން މިއަދު ވަނީ އިމާދުއްދީން ސްކޫލްގައި ކިޔަވައިދޭން ފަށައިފަ އެވެ.

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު ވިދާޅުވީ މިއަދު ސްކޫލްގެ ކިޔެވުންފަށާފައިވާއިރު އެއްވެސް އުނދަގުލެއް އަދި ދިމާ ނުވާ ކަމަށެވެ. އަދި ސްކޫލްގެ ކިޔެވުން ފެށުނު ގަޑީގައި ސްކޫލްގެ ހާލަތު ބައްލަވާލައްވަން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަޑައިގެންނެވި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

ގައުމީ ކާރިސާއެއްގެ ގޮތުގައި ދެކިގެން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ފެށި މާލޭ އެއްނަމްބަރު ކުނި ކޮށި ހުސްކުރުމުގެ މަސައްކަތުގެ ދަށުން ދެ ދުވަސް މަތިން 452 ލޮރީގެ ކުނި ތިލަފުށްޓައް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

ގިނަ އަދަދެއްގެ ކުނި ޖަމާވެ ފަރުބަދަ ހެދިފައިވާ އެއްނަމްބަރު ކުނިކޮށި ހުސްކުރުމަށް 21 މިލިއަން ރުފިޔާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ ކުނިކޮށި ހުސްކުރަން ކުރިއަށް ގެންދިޔަ މަސައްކަތުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި، ފުލުހުންގެ އިތުރުން އިމާދުއްދީން ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.