ދިރާގު ދިވެހި ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް ބައްދަލު ކުރި މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެއްޖެ އެވެ.

އިއްޔެގެ މެޗުގައި ވިކްޓަރީގެ ގޯލަށް ނުރައްކާތެރި ފުރުސަތުތަކެއް އީގަލްއިން ކުރިމަތި ކުރުވި ނަމަވެސް އެ ޓީމުގެ ޒުވާން ތުރުކީ ކީޕަރު ލެވެންޓް ވަންލީ ވަނީ ހުޝިޔާރު ކަމާއެކު ހަމަލާތައް ދިފާއުކޮށްފަ އެވެ. ހަމަ އެހެންމެ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންތަކަކާއެކު ނުކުތް ވިކްޓަރީން އީގަލްސްގެ ގޯލަށް ވެސް ނުރައްކާ ކުރާން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ވިކްޓަރީއަށް ލަނޑުޖަހާނޭ ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އެފުރުސަތު ބޭކާރުވީ އެވެ. އެގޮތުން އެޓީމަށް މެޗުގެ 74 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ. ވިކްޓަރީގެ ބިދޭސީ ފޯވަޑް ޗިންޑާ ޗިޒީ ކަކާ ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ކީޕަރު އަޙްމަދު ސިނާން ވަނީ ދިފާއު ކޮށްފައެވެ.

އިއްޔެގެ މެޗުގެ ނަތީޖާއާ އެކު، ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ އެއްވަނައިގައި މިހާރު އޮތީ ކުލްބް އީގަލްސް އެވެ. އަދި ދެވަނައިގައި ނިއުރޭޑިއެންޓް އަދި ތިންވަނައިގައި މާޒިޔާ އޮތް އިރު ހަތަރުވަނައިގައި އޮތީ ކްލަބް ވެލެންސިޔާ އެވެ. އަދި ވިކްޓަރީ ސްޕޯޓްސް ކްލަބް އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ދިވެހި ލީގުގައި މިއަދު ހަވީރު ކުޅޭން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ވީބީ އައްޑޫ އެފްސީ އާއި ކުލަބް ވެލެންސިޔާ އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގަ އެވެ.