10 Mar 2013, 10:25
ހއ. ފިއްލަދުވަށް މަސްތުވާތަކެތި ގެންދިޔަ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލަކު ހޯދަޑިގޭ އަލީ ޔަމާނީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހއ. މުރައިދޫން ފިއްލަދުވަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިއްލަދޫ ޖެޓީ ސަރަހައްދުގައި އޭނާ ހުއްޓައި، ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށެވެ.
ޔަމާނީ ހައްޔަރުކުރުމަށް ފަހު އޭނާގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރި އިރު އޭނާގެ ވައަތު މުށުތެރެއިންނާއި ޖީންސްގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެތަކެތި ތަހުލީލު ކުރި އިރު އޭގައި 0.5146 ގްރާމް ހެރޮއިން އާއި 0.0677 ގްރާމް ބެންޒޯޑައިޒީޕައިން ހުރިކަން ތަހުލީލު ރިޕޯޓުން އެނގޭކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އޭނާ ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ އޭނާ ކުށްކުރި އިރު މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފާސްކޮށްފައި ނުވާތީ އެވެ.