އޭއެފްސީ ކަޕްގެ ގުރޫޕް އެފްގައި ރާއްޖޭގެ ނިއުރޭޑިއަޓް ކުޅޭ ދެވަނަ މެޗަށް ރޭ އިންޑޮނޭޝިއާއަށް ހިނގައްޖެ އެވެ.

ގްރޫޕް އެފްގައި ނިއު ކުޅޭ ދެވަނަ މެޗުގައި އެ ޓީމުން ނުކުންނާނީ އިންޑޮނޭޝިއާގެ ޕެރްސިބޯއާ ދެކޮޅަށް އަންގާރަ ދުވަހު އެގައުމުގައެވެ. މި ގުރޫޕްގައި ނިއުއިން މާލޭގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ހޮންކޮންގުގެ ސަންރޭ ކޭވް ޖޭސީ ސަންހައި ޓީމް އަތުން 1-0 މޮޅުވެފަ އެވެ. އެމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރެވެ.

އެ މެޗަށް ނިއު ނިކުންނައިރު ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ)ގެ ފައިގެ ފަލަމަސްގަޑަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައި ވާ ކަމަށާއި އެހެން ނަމަވެސް އެ އަނިޔާ އަކީ އެމެޗުގައި އޭނައަށް ނުކުޅެވޭ ވަރުގެ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ނިއުގެ މެނޭޖަރު އިބްހާރިމް ޝާޒް ހަބީބް ރޭ ވިދާޅުވި އެވެ.

މިފަހަރުގެ އޭފްސީ ކަޕުގައި ނިއު ވާދަކުރާ ގްރޫޕް އެފްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި އިންޑޮނީޝިއާގެ ޕަރްސީބޯގެ އިތުރުން ހޮންކޮންގެ ސަންހާއީ އެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭން ދެން ވާދަކުރަނީ މާޒިޔާ އެވެ. މުބާރާތުގައި މާޒިޔާ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާގެ ކެލަންޓަންއާ ބައްދަލުކޮށް މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. މިމުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ މާޒިޔާ ހިމެނެނީ ގްރޫޕް ޖީ ފަލީގަ އެވެ. އެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ. އަދި ގްރޫޕްގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި މިހަފްތާގެ ބުދަދުވަހު ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ވިއެޓްނާމްގެ ޑެނާގްއާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގައި 32 ޓީމު ވާދަކުރާ މިމުބާރާތުގެ ގުރޫޕުތައް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ގްރޫޕް އޭ، ބީ، ސީ އަދި ޑީ ހިމެނޭ ހުޅަނގު އޭޝިޔާ ފަޅި އާއި ގްރޫޕް އީ، އެފް، ޖީ އަދި އެޗް ހިމެނޭ އިރުމަތީ އޭޝިޔާގެ ފަޅި އެވެ.

އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ރާއްޖެ އިން ވާދަކުރީ ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަކީ ކުވެއިތުގެ ކުވެއިތު ސްޕޯޓްސް ކުލަބެވެ.