މެންޗެސްޓާ ސިޓީގެ އާޖެޓީނާ ފޯވަޑް ކާލޯސް ތެވޭޒް ކާމިޔާބު ކުރި ހެޓްރިކާ އެކު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ސިޓީއާއި ބާންސްލީ ބައްދަލުކުރި މެޗް ފަހެއް ސުމަކުން ކާމިޔާބުކޮށް އެމުބާރާތުގެ ސެމީ ފައިނަލަށް ސިޓީ ދަތުރުކޮށްފި އެވެ.

ރޭ ސިޓީ ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ތެވޭޒް ކާމިޔާބުކޮށް ދިން އިރު އަނެއް ދެގޯލް ކާމިޔާބު ކުރީ އޭނާ ތަނަވަސް ކޮށްދިން ދެ ފުރުސަތަކުން އެލެގްޒެންޑްރާ ކޮލަރޯފް އާއި ޑޭވިޑް ސިލްވާ އެވެ.

ދެވަނަ ޑިވިޝަންގެ ފުލުގައި އޮތް ބާންސްލީއާ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 11 ވަނަ މިނިޓުގައި ތެވޭޒް އެވެ. އަދި 27 ވަނަ މިނިޓުގައި އޭނާ ތަނަވަސް ކޮށްދިން ފުރުސަތުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކޮލަރޯފް އެވެ. މެޗުގެ 31 ވަނަ މިނިޓުގައި ޑެވިޑް ސިލްވާ ތަނަވަސް ކޮށްދިން ފުރުސަތަކުން ތެވޭޒް އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ތެވޭޒް މެޗްގައި އޭނާގެ ހެޓްރިކް ގާއިން ކުރީ ސާމީ ނަސްރީ ތަނަވަސް ކޮށްދިން ފުރު ސަތަކުން 50 ވަނަ މިނިޓުގައެވެ. އަދި ސިޓީގެ ފަސްވަނަ ލަނޑު ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގައެވެ.

ކާލޯސް ތެވޭޒް މެންޗެސްޓާ ސިޓީއާ ގުޅުނު ފަހުން އެފްއޭ ކަޕް މެޗެއްގައި އޭނާ އެ ޓީމާ އެކު ކުޅުނު މެޗެއްގައި މިހާތަނަށް އެޓީމު ބަލިވެފަ އެއް ނެތެވެ. އަދި އެފްއޭކަޕްގައި މިސީޒަންގައި މިހާތަނަށް ހެޓްރިކް ހެދި ތިންވަނަ ކުޅުންތެރިޔާއަށް ވެސް އޭނާ ވަނީ ވެފައެވެ.

މެޗަށްފަހު ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ ތެވޭޒްގެ ކޮންޓްރެކްޓްގައި ބާކީ އަހަރެއްހާ ދުވަސް އޮތްއިރު އޭނާ ޓީމުގައި މަޑުކުރާނެ ކަން ޔަގީން ނޫން ކަމަށެވެ. އަދި އޭނާ އެނބުރި އާޖެންޓީނާ އަށް ދާން ބޭނުން ކަމަށް ތެވޭޒް ވަރަށް ގިނަ ފަހަރު ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިސީޒަންގައި ތެވޭޒްއަކީ ސިޓީއަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ލަނޑުތައް ސިޓީއަށް ވަރަށް މުހިއްމު ކަމަށެވެ.

ބާންސްލީގެ ކޯޗް ޑޭވިޑް ފްލިޓްކްރޮފްޓް ބުނީ ތެވޭޒުގެ ހަރަކާތްތައް ހަލުއިވެފައި ވަރުގަދަ ކަމުން އޭނާ ސިފަކުރެވެނީ "ރޫހެއް"ގެ ސިފައިގައި ކަމަށެވެ. އަދި ބާންސްލީގެ ކުޅުންތެރިންވެސް މެޗަށްފަހު ތެވޭޒްގެ މޮޅު އުކުޅުތަކުގެ ވާހަކަ ދައްކައި އޭނާއަށް ވަރަށް ތައުރީފު ކުރި ކަމަށެވެ.

އެފްއޭ ކަޕްގެ ސެމީފައިނަލްގައި މިރޭވެސް ފޯރިގަދަ މެޗެއް ކުޅެވޭނެ އެވެ. ރާއްޖޭ ގަޑިން 21:30ގައި ފަށާ މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަންސް ޗެލްސީ އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑް ސްޓޭޑިއަމްގަ އެވެ.