ނައިރޫބީ (މާޗް 10): ކެންޔާގެ ރިޔާސީ އިންތިޚާބު އެގައުމުގެ ކުރީގެ ރައީސްގޯމޯ ކެންޔާޓާގެ ދަރިކަލުން އޮހޯރޯ ކެންޔާޓާ ކާމިޔާބު ކުރައްވައިފި އެވެ. އޮހޯރޯ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އިންތިޚާބުގެ ސައްޙަ ކަމާމެދު ސުވާލު އުފައްދައި ނަތީޖާ ޤަބޫލުކުރެއްވުމަށް އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައިލާ އޮޑިންގާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އޮޑިންގާ ވިދާޅުވީ އޭނާގެ ވާދަވެރިޔާ އޮހޯރޯ އަށް ތާއީދުކުރާ ފަރާތްތަކުން މަކަރު ހަދައި ވޯޓު އޮޅުވާލާފައިވާ ކަމުގަ އެވެ. އެހެންކަމުން އިންތިޚާބުގެ ނަތީޖާ ސައްޙަ ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ކެންޔާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފްރިކާގެ އިރުމަތީގެ ގައުމެއް ކަމަށްވާ ކެންޔާގައި މިދިޔަ ހަފްތާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއްޔެ ވަނީ އިޢްލާންކޮށްފަ އެވެ.

މިއިންތިޚާބުގައި 50.07 އިންސައްތަ ވޯޓު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެގައުމުގެ ކުރީގެ ރައީސެއް ކަމަށްވާ ގޯމޯ ކެންޔާޓާގެ ދަރިކަލުން އޮހޯރޯ ކެންޔާޓާ އެވެ. އޭނާއަކީ ކެންޔާގެ އިތުރުން މުޅި އެފްރިކާގެ ބައްރަށް ބެލި ނަމަވެސް އެ ސަރަޙައްދުގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އިންތިޚާބުގައި ނާކާމިޔާބުވަޑައިގެންނެވި ރައިލާ އޮޑިންގާ އަށް ލިބިވަޑައިގެންފައި ވަނީ 43.3 އިންސައްތަ ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އޮހޯރޯ އަކީ 2007 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ކެންޔާގައި ކުރިޔަށްދިޔަ ހަމަނުޖެހުންތަކުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތެއްކަމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ތުހުމަތުގެ އިނގިލި ދިއްކޮށްފައިވާ ފަރާތެކެވެ.

އޭނާ ވަނީ މިތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އޮހޯރޯ ވިދާޅުވީ ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކަކާ އޭނާގެ ސަރުކާރުން ގުޅުން ބަދަހިކުރާނެ ކަމަށާ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވަން އޭނާ ތައްޔާރަށް ހުންނެވި ކަމުގަ އެވެ. ދެހާސް ހަތް ވަނަ އަހަރު ކެންޔާގައި ބޭއްވި އިންތިޚާބުގައި ވެސް އޮޑިންގާ ވަނީ އެގައުމުގެ މިހާރުގެ ރައީސް މުވާއި ކިބާކީ އާ ވާދަކުރައްވައިގެން ވަރަށް ކުޑަ ތަފާތަކުން ބަލިވެވަޑައިގެންފަ އެވެ. މިފަހަރުގެ އިންތިޚާބުގައި ކިބާކީ ވާދައެއް ނުކުރައްވަ އެވެ. އެއިންތިޚާބުގައި އޮޑިންގާ ބަލިވެވަޑައިގަތުމާއެކު ކެންޔާގައި ހިނގި ހަމަނުޖެހުންތަކުގައި 1500 އެއްހާ މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. (ބީ.ބީ.ސީ)