10 Mar 2013, 09:36
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގައި ސުލްހަ މަސްލަސްކަން ގާއިމުކޮށް ގާނޫނީ ފުރިހަމަ ވެރިކަމެއް ކުރައްވާނެ ކަމަށް ޔާމިން ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި ރާއްޖެ އަށް ސުލްހަ ގެނެސް ދެއްވައި ސިފައިންނާއި ފުލުހުން ގާނޫނީ އިމުގެ ތެރެއިން ބާރުވެރިވާން ޖެހޭ އެންމެ ފުރިހަމަ ދަރަޖައިގައި ބާރުވެރިވުމުގެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ނަމަވެސް އެ ބާރުތައް ބޭނުން ކުރައްވާނީ ގާނޫނީ ހުދޫދުގެ ތެރެއިން ހެޔޮގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ކަންކަމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ވެސް އެ މަނިކުފާނުގެ ސަރުކާރެއްގައި އެ ފަރާތްތަކަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.
"ޔާމީން މި މަސައްކަތް ކުރަނީ ގާނޫނީ ފުރިހަމަ ހުކޫމަތު ރާއްޖޭގައި ހިންގަން. އަޅުގަނޑަށް ކެރޭނެ އެކަން ކުރަން. ދިވެހި ރާއްޖެ އަށް ސުލްހަ ގެންނާނަން. ދިވެހި ރާއްޖޭގެ ފުލުހުންނަށާއި ސިފައިންނަށް އަޅުގަނޑު މި ދަންނަވަނީ ތިޔަ ބޭފުޅުން ގާނޫނުގެ ތެރެއިން ބާރުވެރިވާންވާ އެންމެ ފުރިހަމަ މިނުގައި ބާރުވެރި ވެވޭނޭ. ނަމަވެސް ދަންނަވާލަން ބޭނުންވޭ، އެ ބާރުތައް ބޭނުން ކުރައްވަން ޖެހޭނީ ގާނޫނުގެ ތެރެއިން. އަޅުގަނޑުގެ ސަރުކާރެއްގައި ބޭނުންފުޅުވާ މި ޒަމާނުގެ ހުރިހާ ވަސީލަތްތަކެއް ލިބިވަޑައިގަންނަވާނެ. އެއާއި އެކީގައި އަޅުގަނޑު މި ދަންނަވަނީ ކެރިވަޑައިގަންނަވާށޭ ގާނޫނު ތަންފީޒް ކުރަން،" ޔާމީން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ މަނިކުފާނަށް މުޚާތަބު ކުރައްވައި ޔާމީން ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަށް ވަނަ ދުވަހުން ފެށިގެން އޭރު އޮތް ސެކިއުރިޓީ ނިޒާމުން މިހާރު ޑިމޮކްރެޓިކް ފުލުހުންގެ ނިޒާމަކަށް ހިޖުރަ ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ސެކިއުރިޓީ ނިޒާމެއްގައި ސަރުކާރު ހިންގަން ތިބޭ ބަޔަކު ފުލުހުން ނެރެގެން ޣައިރު ގާނޫނީ އަމަލްތައް ހިންގުވައި އެ މީހުންގެ ހިމާޔަތް ހޯދާނެ ކަމަށެވެ. އަދި އޭރު އޮތް ފުލުހުންގެ އިސް ބޭފުޅުން ރައްޔިތުންނަށް އެކަން ސާބިތުކަމާ އެކު ދައްކަވާފައިވާ ކަމަށާއި މިއަދު އެމަނިކުފާނު އެކަމާ ލަދުފުޅު ގަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަމީލްގެ ބެއްލެވުމުގެ ދަށުން މިއަދު ފުލުހުން މަސައްކަތް ކުރަނީ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ސެކިއުރިޓީ ޕޮލިސިންގް ސާވިސް އަކުން ދުރަށް ގޮސް ޑިމޮކްރެޓިކް އަދި ރައްޔިޔުންނަށް ޖަވާބުދާރީ ވެވޭ ގޮތަށް އަމަލުކުރާ ފުލުހުންގެ ނިޒާމަކާ ދިމާލަށް ކަމަށެވެ.
"ފެބްރުއަރީ އަށް ވަނަ ދުވަހުން ފެށިގެން އޭރު އޮތް ސެކިއުރިޓީ ނިޒާމުން މިހާރު ޑިމޮކްރެޓިކް ފުލުހުންގެ ނިޒާމަކަށް ހިޖުރަ ވަމުން މި އަންނަނީ. ޑރ.ޖަމީލްގެ ބެއްލެވުމުގެ ދަށުން މިއަދު ފުލުހުން މަސައްކަތް ކުރަނީ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް ސެކިއުރިޓީ ޕޮލިސިންގް ސާވިސް އަކުން ދުރަށް ގޮސް ޑިމޮކްރެޓިކް އަދި ރައްޔިޔުންނަށް ޖަވާބުދާރީ ވެވޭ ގޮތަށް އަމަލު ކުރާ ފުލުހުންގެ ނިޒާމަކާއި ދިމާލަށް،" ޔާމީން ވިދާޅުވި އެވެ.
ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުގެ ތެރެއިން ގެއްލުވާލައި ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތް ޕީޖީގެ އިޒްނައާ އެކު ހަތަރު ހަފްތާ އަށް ފަސްކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ޝަރީ އަތް ލަސްކުރަން ޕީޖީ އަކަށް ނުބުނެވޭނެ ކަމަށެވެ.
"ޕީޖީ އަށް ދަންނަވާލަން އޮތީ ބައްލަވާށޭ ގާނޫނު އަސާސީ. ދައުލަތުގެ ބަންޑާރަ ނައިބު ބައްލަވާށޭ ގާނޫނު އަސާސީ. ޖިނާއީ ހުރިހާ މައްސަލަތަކެއް ގެންދާނެ އުސޫލް ކަނޑައަޅާ ފަރާތަކީ ގާނޫނު އަސާސީގައި ވާގޮތުން ދައުލަތުގެ ބަންޑާރަ ނައިބު. ޕީޖީ އަކީ މުޅިން މިނިވަން މުސްތަގިއްލު ބޭފުޅެއް ނޫން. ޕީޖީ މިނިވަންވެ މުސްތަގިއްލު ވަނީ މި ދަންނަވާ ޖިނާއީ މައްސަލަ ގެންދާނެ އުސޫލު ކަނޑައަޅައި ދިނީމާ އެ އުސޫލްތަކުގެ ތެރެއިން މަސައްކަތް ކުރައްވަން،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެއްވެސް މީހަކާ ޒާތީ މައްސަލައެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ވައުދުވެ ވަޑައިގަތެވެ. އަދި ވިދާޅުވީ އެއްވެސް ރައްޔިތަކާ މެދު ބަދަލު ހިފުމުގެ ރޫހެއް ވެސް އެމަނިކުފާނު ނުގެން ގުޅުއްވާނެ ކަމަށާއި އަދި ރައީސް ކަމަށް ހޮވިވަޑައިގަންނަވާތާ 30 ދުވަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނެއް ވެސް ނުއުފައްދަވާނެ ކަމަށެވެ.