ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ހަމަ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި އަދި އެފަދަ ފުރުސަތަކަށް ޖާގައެއް ވެސް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް ވިދާޅު ވެއްޖެ އެވެ.

ރޭ އާޓިފިޝަލް ބީޗްގައި ޔާމީންގެ ޔަގީން ޓީމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ އެކަމަކީ ދާހިލީ ވަޒީރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރަން ޖެހެނީ "އަޅުގަނޑުމެންގެ ދީނީ އަދި ގައުމީ ފަރުޟަކަށް ވާތީ" ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު އަޅުގަނޑުމެން ކުރަމުން މި ގެންދަނީ އެ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވީތީ އަބަދުވެސް ހެޔޮ ގޮތް އިސްކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެއްވެސް ހާލެއްގައި އެއްވެސް މަގަކުން ހިނގައިގެން ރާއްޖޭގެ ވެރިކަމަށް ގ. ކެނެރީގޭ އަލްފާޞިލް މުހައްމަދު ނަޝީދަށް ވާސިލް ވުމުގެ ހަމަ އެއްވެސް ފުރުސަތެއް ނެތޭ. އެ ފުރުސަތަކަށް އަޅުގަނޑުމެން ޖާގަ އެއްވެސް ނުދޭނަމޭ. އެއީ މިއަދު އަޅުގަނޑުމެން ކުރަން ވެފައިވާ ކަމެއް. އެކަން އަޅުގަނޑުމެން ކުރަން ޖެހެނީ ދީނީ އަދި ގައުމީ ފަރުޟަކަށް ވާތީ،" ޖަމީލް ވިދާޅުވި އެވެ.

މިނިސްޓަރު ޖަމީލް ވިދާޅުވީ "އެ މަސައްކަތްކޮށްފި ނަމަ" އަޅުގަނޑުމެންގެ ތެރެއިން ވެރިކަމަށް ވާދަ ކުރައްވާ ލީޑަރުންނަށް ﷲގެ ވާގިފުޅާއެކު ފުރިހަމަ ކާމިޔާބީ މިންވަރު ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާ ހިސާބަށް ގައުމު ކުރިއަށް ދެވިފައި ވަނީ ސާބިތުކަމާ އެކު މަސައްކަތް ކުރި ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ވިދާޅުވީ ވެރިކަމަށް އައުމަށް އެންމެ މުހިންމު އެއް ސިފައަކީ ސާބިތުވެ ހުރުން ކަމަށާއި ވެރިކަން ނިމުމަށް ފަހު ވެސް ސާބިތުކަމާ އެކު މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ފެނިގެން ދިޔަ މަންޒަރުތަކަށް ބަލާ އިރު ނިމިދިޔަ ރައީސް ނަޝީދުގެ ސަރުކާރުން އެފަދަ ސާބިތު ކަމެއް ފެނިފައި ނުވާ ކަމަށެވެ.

"ވެރިކަމަށް އައުމަށް އެންމެ މުހިއްމު އެއް ސިފަ އަކީ ސާބިތު ފަދައިން، ވެރިކަން ނިމުމަށް ފަހު ވެސް ސާބިތު ކަމާ އެކު މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް. ފެނިގެން ދިޔަ މަންޒަރުތަކަށް ބަލާއިރު ގަބޫލް ކުރެވޭ ކަށެއް ނެތް ނިމިގެން ދިޔަ ރައީސް ނަޝީދުގެ ސަރުކާރުގައި އެ ސާބިތުކަން ފެނިފައިވާ ކަމަކަށް. ހާލަތެއް މެދުވެރިވި އިރުގައި ތިމާގެ އަތުގައި އޮތް ވެރިކަން ދޫކޮށްފައި ދިއުމަކީ ސާބިތުކަން ނެތްކަން ގާއިމް ކޮށްދިން ފުރިހަމަ މިސާލެއް،" ޖަމީލު ވިދާޅުވި އެވެ.

ޔާމިންގެ ޔަގީން ޓީމުގެ ޕޯޑިއަމްގައި ރޭ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމަށް މިހާ ހިސާބަށް އާދެވިފައި ވަނީ ކާބަފައިން ލޭ އޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު މި ވަނީ މުޅިން ބަދަލުވެފައި ކަމަށާއި އެގޮތުން ވިދާޅުވީ އަޅުގަނޑުމެންގެ މިނިވަންކަން މިއަދު ވަނީ ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށެވެ.