މަޖީދީމަގު ކެންޕަސް ފިހާރަ ކައިރިން މިރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 11:14 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ 22 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާގެ ވައަތުގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. މަޖީދީމަގު، ކެމްޕަސް ކައިރީގައި ތިބި ބަޔަކު އެ ޒުވާނާ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމަތު މާލެތެރެ ފެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކެއްގެ ސަމާލުކަމަށް ގެނައުމާއެކު ފުލުހުންގެ ވެހިކަލެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިނގަން މެރުވެރިވި ސަބަބު ބަލަމުންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.