13 Oct 2010, 16:32
ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެއްޓެއް ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން އިމަޖެންސީގައި މާލެ ގެނެސްފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ހުޅުމާލޭގައި ސައިކަލް އެކްސިޑެންޓެއްގައި ސައިކަލް ކަހާލައިގެން ވެއްޓުނު މީހަކު މާލެ ގެނެސްފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އެ މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފުސީލެއް އަދި ސާފެއް ނުވެ އެވެ.
"ހުޅުމާލޭ ޑޮކްޓަރުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށް. އެހެންވެ މާލެ ގެނެސް ފަރުވާ ދެމުންދަނީ. ލިބުނު ގެއްލުންތަކުގެ ތަފުސީލެއް އަދި ނޭނގޭ،" ޝިޔާމް ވިދާޅުވި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ހުމާލޭ ހުޅުލެއާވީ ކޮޅުގައި އޮންނަ ބޮޑު މަގުގެ އަނދިރިކޮށް އޮންނަ ހިސާބުގައި އަންހެން ކުއްޖަކު ފަހަތަށް ލައިގެން ސައިކަލް ދުއްވަނިކޮށް މަގު ހުރަސްކޮށް އުސްކޮށް އަޅާފައިވާ ހޮޅިއެއްގައި ސައިކަލު ޖެހި ވެއްޓިގެން ކަމަށެވެ. އެކްސިޑެންޓް ހިނގީ މިރޭ 8:00 ޖެހިއިރު އެވެ.
މި އެކްސިޑެންޓްގައި ސައިކަލް ފަހަތު އިން އަންހެން ކުއްޖާއަށް ސިރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓަށް ފަހު ސައިކަލް ޖެހުނު ހޮޅި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.