ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރުމަށް މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް" ގާނޫނަކަށްވެ ޢަމަލު ކުރާން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކިތަންމެ ބޮޑު ޖިނާއީ ކުށެއް ކުރިޔަސް ހައްޔަރު ކޮށް ތަހުގީގު ނުކުރެވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލުން މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް ކިތަންމެ ބޮޑު ކޮރަޕްޝަނުގެ އަމަލެއް ހިންގިޔަސް އެ މެންބަރަކު ހައްޔަރު ކޮށްގެން ތަހްގީގު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް މިހާރު އޮތް ގޮތަށް ގާނޫނަކަށްވެ އަމަލު ކުރާން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް ކިތަންމެ ބޮޑު މާރާމާރީއެއް ހިންގިޔަސް ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިންގިޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް. މަޖިލީހުގެ މެންބަރު ހައްޔަރު ކުރުމުގެ ބޭނުމެއް ނެތް. އެ ގާނޫނުން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްގެން ތަހުގީގެއް ނުކުރާށޭ. އެކަން ކުރެވޭނެ ފުރުސަތުތަކެއް ހުއްޓަސް މިހާރު ބިލް އޮތް ގޮތުން މެންބަރުން ހައްޔަރު ކޮށްގެން އެކަން ނުކުރުން އަޅުގަނޑަށް މާ ރަނގަޅު. އެއިން ދޭހަވާ މާނައަކީ އެއީ." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އަދި ވިދާޅުވީ އެ ބިލް މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އެބޭފުޅުންނަށް މަޖިލީހަށް ނާދެވޭ ގޮތަށް ހައްޔަރުކޮށް ތަހުގީގު ނުކުރެވޭނެ ކަމުގެ ޔަގީންކަންް މެންބަރުންނަށް ލިބިގެންދާ ކަމަށެވެ. އަދި އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކަކީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް ނިސްބަތްވާ އެއްވެސް މީހަކަށް އަދި ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ވެސް ލިބިދީފައި ނުވާ ވަރުގެ ބާރުތަކަކާއި އިމްތިޔާޒުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް މަގާމެއްގައި ހުރި އެއްވެސް މީހަކަށް އަދި ރާއްޖޭގައި ރައީސް ކަން ކޮށްފައި ހުރި ބޭފުޅަކަށް ވެސް ލިބިދީފައި ނުވާ ވަރުގެ އިމްތިޔާޒުތަކަކާއި ބާރުތަކެއް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައި އެބަވޭ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކޮންސާނެއް. އޭގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމުގައި އެންމެންގެ މެދުގައި އޮންނާން ޖެހޭ ހަމަހަމަކަން ނުވަތަ ގެންގުޅޭން ޖެހޭ ހަމަހަމަކަން ގެއްލިގެން އެބަދޭ. އެގޮތުން އެ ބިލްގައި އެބަ ބުނޭ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއޭ. އޭގައި އެ ބުނާ އެއްޗެއްގެ މާނަ އަޅުގަނޑަކަށް ދޭހައެއް ނުވޭ. އަޅުގަނޑަކަށް ހިއެއް ނުވޭ ޝަރީޢަތްކޮށް ތަހުގީގު ކުރާ އެއްވެސް ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންތައްތައް ދުރާލައި އެގޭނެހެން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެގޭނެ ކަމަކަށް."ރިޔާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގައި ތަހުގީގު ކުރުމަށް ޓަކައި މީހުން ހައްޔަރު ކުރަން ޖެހޭ ސަބަބު ވަރަށް ސާފު ކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން މީހަކު ހައްޔަރު ކުރަނީ ބާރުގެ ބޭނުން ކޮށްގެން ނުވަތަ ނުފޫޒުގެ ބޭނުން ކޮށްގެން ހެކި ނައްތާލާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހައްޔަރުކޮށްފައި ހުންނަ އިރުގައި އެ މެންބަރަކު މަޖިލީހަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އެ ބިލްގައި ބަޔާން ކޮށްފައި އޮތުމުން އޭގެ ސަބަބުން ގާނޫނު އަސާސީގައި މީހުން ހައްޔަރު ކުރުމަށް ބުނާ ބުނުމުގެ މަފްހޫމަށް އަމަލު ނުކުރެވޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި ތަހުގީގު ކުރުމުގައި ގެންގުޅޭން ޖެހޭނެ ކަމަށް ބުނެފައިވާ ހަމަހަމަކަން ވެސް އެ ބިލްގެ ސަބަބުން ގެއްލިގެންދާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އިމްތިޔާޒުގެ ގާނޫނުގައި އެފަދަ މައްސަލަތައް އެޓާނީ ޖެނަރަލްގެ ސަމާލު ކަމަށް މިހާރު ގެނެސްފައިވާ ކަމަށާއި އެހެން ކަމުން އެ ބިލުގައި ޖިނާއީ ބޮޑެތި ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ހުރި މާއްދާތައް އެޓާނީ ޖެނަރަލް މެދުވެރިކޮށް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ހައްލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ޝަރުއީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރެއް ނުކުރެވޭނެ އެވެ. އަދި މަޖިލީހުގެ އިދާރާގައި މެންބަރަކު ހުންނަވަނިކޮށް، ތަހުގީގަކަށް ވެސް ނުވަތަ ޝަރީއަތަކަށް ހާޒިރުވުމުގެ ލިޔުމެއް ވެސް އެ މެމްބަރަކާ ހަވާލެއް ނުކުރެވޭނެ އެވެ.