ހ. ސަކީނާމަންޒިލްގައި ހިންގަމުންދާ ފަރުނީޗަރު ވިއްކާ "ޕާކްވޭ 3"ގެ ފިހާރައިގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައި ވަނީ ޓަޔަރުގެ ރަބަރު ކަހަލަ އެއްޗެހިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސަކީނާމަންޒިލްގެ ދެ ވަނަ ބުރީގައި މިއަދު މެންދުރު ފަހު 2:40 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާ "އެލާމް" އިމާރާތުގައި އެޅުމާ އެކު އެ އިމާރާތުން ވަނީ މީހުން ހުސްކޮށްފަ އެވެ. އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީހާއި މެގަ މޯލްޑިވްސްގެ އޮފީހެއް ހިންގަމުންދާ ނުވަ ބުރީގެ، އިމާރާރުގެ ފާކްވޭ ފިހާރައިގެ ދެ ވަނަ ބުރީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ ކުޑަދޮރުތައް ހަލާކޮށްލާއިގެން އެތެރެއަށް ފެން ޖަހައިގެންނެވެ.

ފަރުނީޗަރު ފިހާރައިގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލައި އެތަނުގެ ތެރެއަށް ސިފައިންނަށް ވަދެވުނީ ގަޑިއެއްގާއިރުގެ މަސައްކަތުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ރަބަރު ކަހަލަ އެއްޗެހިތަކެއްގައި ކަމަށާއި އެއީ ކޯއްޗެއް ކަމެއް އަދި ނޭނގޭ ކަމަށެވެ. އަލިފާނުގެ ހާދިސާގައި އިމާރާތަށާއި ފިހާރައިގެ ގުދަނުގައި ހުރި މުދަލަށް ލިބުނު ގެއްލުން އެމްއެންޑީއެފުން ބަދަލަމުންދާ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.