09 Mar 2013, 17:41
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނިސްބަތްވެވަޑައިގެންނަވާ ގައުމީ އިއްތިހާދު ޕާޓީ އަށް މާދަމަ އަށް 10،000 މެމްބަރުން ހަމަކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށް ގައުމީ އިއްތިހާދު ޕާޓީން ބުނެފި އެވެ.
އެ ޕާޓީގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު "ސަން އަށް" ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އަށް 10،000 މެމްބަރުން ހަމަކުރުމަށް މިއަދު ހެނދުނު މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ފެށި ކެމްޕެއިނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ވަކިން ހާއްސަކޮށް ރައީސް ވަހީދަށް ބޮޑު ތަރުހީބެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމްތައް މާދަމާގެ ހެނދުނުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރުމަަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާޓީން މިއަދު ފެށި މަސައްކަތްތަކަށް ވަކިން ހާއްސަކޮށް، ރައީސް ވަހީދު ނުކުންނެވުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން، މަދަމާއާ ހަމައަށް 10،000 މެމްބަރުން ޕާޓީ އަށް ހަމަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ވަހީދު ފެއްޓެވި ކެމްޕެއިންގެ ދަށުން މާލޭގެ ގިނަ ސަރަަހައްދަކަށް ވަޑައިގެން އާއްމުންނާ ބައްދަލުކުރައްވާފައިވާ އިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި އެ ޕާޓީގެ ޓީމްތަކުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
ގައުމީ އިއްތިހާދު ޕާޓީ އަށް އަލަށް ގުޅުނު ޖުމްލަ މެމްބަރުންގެ އަދަދު އެނގިވަޑައިގެންނަވާނީ މި ރޭގެ ދަންވަރުގެ ވަގުތެއްގައި އަތޮޅުތަކުން އެ ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމްތައް ވެސް ލިބިގެން ކަމަށް އައްބާސް ވިދާޅުވި އެވެ. އެގޮތުން އެ ޕާޓީން ވަނީ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް މިއަދު އައްޑޫ ސިޓީ އާއި ފުއައްމުލަކުގެ އިތުރުން ހއ. އަދި ހދ. ގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ގައުމީ އިއްތިހާދު ޕާޓީ އަށް މެމްބަރުން ހަމަކުރެއްވުމުގެ މަސައްކަތް އަމަލީ ގޮތުން ފެއްޓެވުމުގެ ކުރިން ބޭއްވި އެ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ޕާޓީ ބޮޑު ކުރެއްވުމުގެ މަސައްކަތް މިހާތަނަށް ކުރައްވާފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރެއްވީ ގައުމުގެ މަސްލަހަތަށް ކަމަށާއި ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ކުރެއްވުމުގައި އުޅުއްވި އެކަން ވެސް ކުރެއްވުނީސް ކަމުގައި ރަޢީސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.