ވިލާކޮލެޖުން އައްޑޫސިޓީގެ ހުޅުމީދޫގައި ގާނޫނީދާއިރާ އިން މީހުން ތަމްރީނުކުރާނެ "ލޯ ފެކަލްޓީ"އެއް ގާއިމްކޮށްފި އެވެ.

ވިލާކޮލެޖުން މިއަދު ބުނީ އެކޮލެޖުގެ ފެކަލްޓީ ގާއިމްކުރީ ހުޅުމީދޫގައި ދާދިފަހުން ބިނާކޮށް ނިމުނު އެސްޓީއޯ ބިލްޑިންގްގެ ބައެއް އެކަމަށް ދޫކުރުމުން، އެތަނުގައި ކަމަށެވެ. އަދި ބުނީ އެފެކަލްޓީގައި ޑިގްރީ ކޯސްތައް ހިންގާނެ ކަމަށާއި އެކަމުގައި މޯލްޑިވްސް ލޯ އިންސްޓްޓިއުޓްގެ ޓެކްނިކަލް އެހީ ބޭނުންކުރާނެ ކަމަށެވެ.

ވަރަށް ފަރުވާތެރިކަމާ އެކު ހިންގާނެ އެޕްރޮގްރާމް ވެގެން ދާނީ ރާއްޖޭގައި ހިންގާ ގާނޫނު ކިޔަވައިދިނުމުގެ އެންމެ ރަނޅު ޕްރޮގްރާމަށް ކަން ޔަގީންކުރައްވާ ކަމަށާއި އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވޭ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށެވެ.

ވިލާކޮލެޖްގެ ލޯ ފެކަލްޓީ ގާއިމްކުރުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި އެކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަހުމަދު އަންވަރު އެވެ. އަދި މޯލްޑިވްސް ލޯ އިންސްޓްޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އެއިންސްޓްޓިއުޓްގެ ރައީސް ހުސްނުއް ސުއޫދު އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު އަބުދުﷲ ސޯދިގާއި އެސްޓީއޯގެ ފަރާތުން މެނޭޖިންގް ޑައިރެކްޓަރު ޝާހިދު އަލީ ސޮއިކުރެއްވި އެވެ.