09 Mar 2013, 16:21
މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު އަށް ކުންފުންޏަކަށް ދިނުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓްރީ ޕާމަނެންޓް ސެކްޓްރީ މުހައްމަދު ދީދީ ވިދާޅުވީ މި ފަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު އަށް ކުންފުންޏަކަށްދޭ އިރު އެ އަށް ކުންފުންޏަށް ކަނޑައަޅާފައި ވަނީ 874 ކޯޓާ ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު ރާއްޖެެ އިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ އަށް ކުންފުންޏަކަށް. އެގޮތުން އަށް ކުންފުންޏަކަށް އަޅުގަނޑުމެން ފުރުސަތުދޭ އިރު އަޅުގަނޑުމެންނަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން ފުރުސަތު ލިބޭ ކުންފުނިތަކަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ކޯޓާ އަކީ 874 މީހުންގެ ކޯޓާ." ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ އެ އަދަދަށް ކޯޓާ ދިނުމަށް ކަނޑައެޅުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު މަލީޝާ ހައްޖު ޖަމާއަތުގެ ސަބަބުން ހައްޖަށް ނުދެވުނު މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަނޑައެޅި އުސޫލެއް ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް ޓަކައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ހަމައަށް އޮންނާނެ ކަމަށް ދީދީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން ކުންފުނިތަކަށް މައުލޫމާތު ދިނުން މ މަހުގެ 11 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެ ބައްދަލު ވުމަށް ހާޒިރު ނުވާ ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދީދީ އިތުރަށް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކަށް ފުރުސަތު ދިނުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައި ވަނީ ކުންފުނިތަކުން ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ އަގުތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން އެންމެ މަތިން މާކްސް ލިބޭނީ އެންމެ ދަށް އަގު ހުށަހަޅާ ކުންފުނިތަކަކަށް ކަމަށް ދީދީ ވިދާޅުވި އެވެ. އަދި ފުރުސަތު ލިބޭ އަށް ކުންފުނީގެ މެދުގައި ކޯޓާ ދިނުމަށް ހަމަޖެހިފައި ވަނީ ގުރުއަތު ލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.