09 Mar 2013, 16:15
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކޮޅުވެއްޓިއެއް ގެނައިކަން ސާބިތު ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން އެޓާޖެނެރަލް އަންގަވައިފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) ވިދާޅުވީ ކޮޅުވެއްޓީގެ ގެއްލުމުގެ ބަދަލުގައި 600،000 ޑޮލަރު ނަގައިދިނުމަށް އޭޖީ އޭސީސީ އަށް އަންގާފައިވާކަން މައުލޫމާތަށްޓަކައި ސިޓީ ކައުންސިލާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ހޯދަން އޭސީސީ އިން އަންގާފައި ވަނީ ކޮން ދުވަހަކު ކަމެއް ސާފެއްނުވެ އެވެ. ނަމަވެސް ރުކުމާ ވިދާޅުވީ މިހާރު އެގޮތަށް އަންގާފައިވާތާ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ.
އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން 2011 ވަނަ އަހަރު ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު ކުރީގެ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގަތް ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން އެ އުޅަނދު ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ. އަދި އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.