މިސްރުގެ ސައީދުގައި މިދިޔަ އަހަރު ކުޅުނު ފުޓްބޯޅަ މެޗަކަށް ފަހު ހިންގި ހަމަނުޖެހުމެއްގައި އެތައް ބަޔަކު މަރުވެފައިވާތީ އެ ހަމަނުޖެހުމުގައި ބައިވެރިވި 21 މީހަކު މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިސްރުގެ ޓީވީޗެނަލްތަކުން ލައިވް ކުރި ޝަރީއަތުގައި އެމީހުން މެރުމަށް ހުކުމްކުރި އިރު އެހާދިސާއާ ގުޅިގެން އިތުރު ފަސްމީހަކު އުމުރަށް ޖަލަށް ލުމަށް ވެސް ހުކުމްކުރި ކަމަށް މިސްރުގެ ނޫހެއް ކަމަށްވާ ޚަލީޖް ޑެއިލީ އިން ބުނެފައިވެއެވެ.

މިސްރުގެ ވެރިރަށް ގާހިރާގެ އަލް އަހުލީ ކްލަބާއި ސައީދުގެ އަލް މަސްރީ ކުލަބާ ދެމެދު މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކުޅުނު ފުޓްބޯޅަ މެޗަކާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެހާދިސާގައި ދަނޑުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދިނެވެ.

ހަމަނުޖެހުމާ ގުޅިގެން 21 މީހަކު މެރުމަށް ހުކުމްކުރުމާ ގުޅިގެން ސައީދުގައި ކުރި މުޒާހަރާތަކުގައި ވެސް ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގައިފައެވެ.

ސައީދަކީ މިސްރުގެ މަޝްހޫރު ސުއޭޒް ކެނަލްގެ އައްސޭރިގައިވާ ރަށެކެވެ.