16 Mar 2010, 10:06
14:30
މައްސަލަތައް ބެލުމުގައި އެ މައްސަލަ އަކީ ވަކި ފަރާތަކަށް ރައްދުވާ، ވަކި ދުވަސްވަރަކަށް ނިސްބަތްވާ ނުވަތަ ސިޔާސީ މައްސަލައެއްތޯ ނުބަލާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން މައްސަލަ ބެލުމުގައި ޢަމަލުކުރަމުންދަނީ އޭސީސީގެ ގާނޫނާއި ކޮރޮޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި 254 މައްސަލަ ހުށަހަޅާފައިވާއިރު، 2008 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކާއެކު 2009 އަހަރުގެ ނިޔަލަށް 153 މައްސަލައެއް އެ ކޮމިޝަނުން ބަލައި ނިންމާފައިވާ އެކޮމިޝަނުން ބުނެ އެވެ. އަދި 2009 އަހަރު ނިމުނުއިރު 112 މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.
އެގޮތުން އެ ކޮމިޝަނުން މިހާރު ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބެހޭ މައްސަލަތަކާއި އަދި ކުރިން ސަރުކާރުގައި މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކާ ގުޅުން ހުރި މައްސަލަތައް ހިމެނޭ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ކޮރޮޕްޝަންގެ މައްސަލަތަކެއް އެކޮމިޝަނުން ބަލަމުންދާ ކަމަށް ވެސް އެބަޔާނުގައި ބުނޭ. އޭގެ ތެރެގައި އަމިއްލަ ފަރާތްތަކުންނާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭއިރު، ބައެއް މައްސަލަތަކަކީ އެހެން ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅުމުގެ ކުރިން އެކޮމިޝަނަށް ފެނިގެން ބަލަމުންދާ މައްސަލަތައް ކަމަށް ވެސް އެކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަކީ ތަހްގީގީ އިދާރާއަކަށް ވެފައި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ހެކި ނުގެއްލޭނެ ގޮތަކަށް އަދި ތަހްގީގަށް ހުރަސްނޭޅޭނެ ގޮތަކަށް ތަހްގީގު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އަބަދުވެސް އެކޮމިޝަނު ބަލަމުންދާ ކަމަށް އޭސީސީން ބުނެ އެވެ.