09 Mar 2013, 13:22
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ އިން ރާއްޖެ ޓީވީ ބޭރު ކުރި ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެކަން ހަރު އަޑުން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން އެކަން ކުށްވެރިކޮށް އެ ޕާޓީގެ ސެކްރެޓޭރިއެޓް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބައި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޕީޕީއެމް އިން ބޭއްވި އެ ޖަލްސާ ކަވަރު ކުރުމަށް ގޮސްތިބި ރާއްޖެ ޓީވީގެ އަންހެން ނޫސްވެރިނަށް އެންމެންގެ ކުރިމަތީގައި ފުރައްސާރަކޮށް ލަދުގެންނެވުގެ އަމަލުތައް ހިންގުމަށް ފަހު އެ ސްޓޭޝަންގެ މައިކް ނެގުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމުން އެ ގޮތަށް އަމަލުކޮށްފައި ވަނީ މިނިވަން ނޫސްވެރިކަން ހަޖަމް ނުކުރެވޭތީ ކަމަށެވެ. އަދި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގައި ހިންގި އެ އަމަލަކީ އަންހެނުންނަށް އިހްތިރާމް ކުޑަކުރިކަން ހާމަވެގެން ދިޔަ ކަމެއް ކަމުގައި އެމްޑީޕީން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ބަޔާނުގައި މިނިވަން ނޫސްވެރިކަމަށް ގޯނާކޮށް ޖެއްސުން ނުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
އެމްޑީޕީގެ ބަޔާނާ ގުޅޭ ގޮތުން ޕީޕީއެމްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް އަލީ "ސަން" އަށް މިއަދު ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެ ޕާޓީން ބޭއްވި ޖަލްސާގައި ހުއްދަ ނެގުމަކާއި ނުލާ ރާއްޖެ ޓީވީގެ މައިކް ގެނެސް ޕޯޑިއަމް މަތީގައި ބެހެއްޓުމުން އެކަމަކީ އެ ޕާޓީން ރުހޭ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.
އޭނާ ވިދާޅުވީ ޒިންމާ ދާރު ގޮތެއްގައި ޚަބަރު ފަތުރާ ހުރިހާ މީޑިއާ އަކަށް އެ ރޭގެ ޖަލްސާ އަށް ދައުވަތު އަރުވާފައި ވާނެ ކަމަށާއި ނަމަަވެސް މާޒީގައި ޕީޕީއެމް އާ ބެހޭ ގޮތުން ޒިންމާދާރު ކަން ކުޑަ ހަގީގަތާ ޚިލާފު ޚަބަރުތައް ފަތުރާފައިވާ ޓީވީ ޗެނަލްތަކަށް އެ ޕާޓީން މަރުހަބާ ނުކިޔާ ކަމަށެވެ.
"މީޑިއާ ކަވަރޭޖް ހެދުމަށް އެ އޮންނަ އުސޫލެއްގެ މަތިން މީޑިއާތަކަށް އެރޭ ދައުވަތު އެރުވިން. މީގެ ކުރިންވެސް ޕީޕީއެމުން ބޭއްވި ވަރަށް ކުޑަކުޑަ ހަފްލާ އަކަށް ރާއްޖެ ޓީވީން އައިސް ވަދެ މަންޒަރާއި އަޑުތައް އެ މީހުން ހިތުހުރިހާ ގޮތަކަށް ނަގައިގެން ގޮސް ދޮގު ޚަބަރުތައް މި ފަތުރަނީ. އެ މީހުންގެ ޓީވީގެ ތިރީ ބާ އަށް އަރުވާފައި ވަނީ ޕީޕީއެމްގެ އެއްވުމެއްގައި ބަޔަކު މީހުން މަރަން ގޮވިއޭ ކިޔައިގެން. އަދި ރާއްޖެ ޓީވީން ކިޔާފައިވޭ އެ މީހުންގެ ނޫސްވެރިންނަށް އަޅުގަނޑުމެން ފުރައްސާރަކޮށް މައްލަވަ ކުރި ކަމަށް. އެކަމަކު އެއީ ކަނޑަ އެޅިގެން ދޮގެއް. އެހެން ވީމާ އެކަހަލަ ޒިންމާދާރުކަންކުޑަ ދޮގު ޚަބަރުތައް ފަތުރާ ޓީވީ ޗެނަލަކަށް އަޅުގަނޑުމެން މަރުހަބާއެއް ނުކިޔަން،" މުއާ ވިދާޅުވި އެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި، ނޫސްވެރިނަށް އެންމެންގެ ކުރިމަތީގައި ފުރައްސާރަކޮށް ލަދުގެންނެވުގެ އަމަލުތައް ނުހިންގުމަށް ގޮވާލާފައިވާ އިރު، ދާދިފަހުން އެ ޕާޓީން މާލެ ތެރޭގައި ބޭއްވި ސިލްސިލާ މުޒާހަރާތައް ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންނަށް އެތަނުން ބަޔަކު ވަނީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަނިޔާތަކެއް ދީފައިވެ އެވެ.
އެ ގޮތުން ޓީވީ މޯލްޑިވްސްގެ ނޫސް ވެރިއެއްގެ މޫނަށް ބާރު ގަދަ ކެމިކަލެއް ކަމަށްވާ ތިނަރު ޖަހާފައިވެ އެވެ. އަދި ވީޓީގެ ނޫސް ވެރިއަކަށް ދެ ފަހަރެއްގެ މަތިން އަނިޔާކޮށް އޭނާގެ އަތުގައި އޮތް ކެމެރާ ވެސް ބަޔަކު ވަނީ ހަލާކު ކޮށްލާފަ އެވެ. އަދި ސައިކަލެއްގައި ދަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިޔަކަށް ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އޭނާ އަދިވެސް ދަނީ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ. އޭގެ އިތުރުން ސަންގެ ނޫސްވެރި އެއްގެ ގަޔަށް އަތްލައި އޭނާގެ އަތުގައި އޮތް ފޯނު ފޭރިގަނެ އިތުރު ގެއްލުންތައް ދީފައިވެ އެވެ.