09 Mar 2013, 12:20
އަމިއްލަ ލޯބިވެރިޔާ މަރާލައި ކުއްތާއަށް ކާންދިން ބްރެޒިލްގެ ގޯލް ކީޕަރެއް ކަމަށްވާ ބުރޫނޯ ފެނާންޑޭޒް 22 އަހަރާއި 3 މަސް ދުވަހަށް ޖަލަށް ލާން އިއްޔެ ހުކުމް ކޮށްފި އެވެ.
އުމުރުން 28 އަހަރުގެ ބުރޫނޯ ފެނާންޑޭޒް، އޭނާގެ ލޯބިވެރިޔާ (ބްރެޒިލްގެ މޮޑަލްއެއް ކަމުގައިވާ އިލްޒާ ސަމުޑޯ) މަރާލި މައްސަލަ އެންމެ ފުރަތަމަ މީޑިއާގައި ފެންމަތިވެފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އެމައްސަލާގެ އިތުރުން ހަމަ އެއަހަރު ބުރޫނޯ ފެނާންޑޭޒްގެ ކުރީގެ އަނބިމީހާއަށް ލިބުނު ދަރިފުޅު ކިޑްނެޕްކުރި މައްސަލައެއް ވެސް މީޑިއާގައި ފެންމަތިވެފައި ވެއެވެ. އެމައްސަލާގައި ވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އޭނަ ސަސްޕެންޑް ކޮށްފައެވެ.
މީގެ ކުރިން ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ވެސް ޖާގަ ހޯދި ބުރޫނޯ ފެނާންޑޭޒް އަށް އިއްޔެ ހުކުމް އިއްވިއިރު ލޯބިވެރިޔާ (އިލްޒާ ސަމުޑޯ) މަރާލުމަށް އެހީތެރިވި ބުރޫނޯ ފެނާންޑޭޒްގެ ގާތް އެކުވެރިޔާ މަކާރޯއަށް ވެސް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވާފައެވެ. އަދި އެކަމުގައި ޝާމިލްވާ އިތުރު މީހެއްގެ މައްޗަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް މީޑިއާ އަޑު ފެތުރިފައިވާއިރު، އެހުކުމް އިއްވުން އޮތީ އަންނަ އެޕްރީލް މަހުގެ ތެރޭގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ގޯލް ކީޕަރު ބުރޫނޯ ފެނާންޑޭޒް، އޭނާގެ ލޯބިވެރިޔާ (އިލްޒާ ސަމުޑޯ) މަރާލުމަށްފަހު ވަނީ ކުއްތާއަކަށް ކާންދީފައެވެ. އެކަން އޭނާ ކުރިކަމަށް ކޯޓުގައި އޭނަ އެބަސްވި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ގޯލް ކީޕަރު ބުރޫނޯ ފެނާންޑޭޒް އަކީ ބްރެޒިލްގެ ގިނަ ޔޫތް ޓީމް ތަކަށް ވެސް ކުޅުމުގެ އިތުރުން އެގައުމުގެ ސީނިއާ ބައެއް ކުލަބުތަކަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.