09 Mar 2013, 12:02
މަސްތުވާތަކެތި ގެންގުޅުނު މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި 10 އަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މ. ކޯޒީ ނެސްޓް އިބްރާހީމް ހަސަން މަނިކުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ރޭގެ ވަގުތެއްގައި އޭނާ ބަނގްލާދޭޝްގެ ބަޔަކަށް އުނދަގޫ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު އެ ކޮޓަރީގައި ހުރި ކެސެޓް ރޭޑިއޯއެއްގެ ބެޓެރިލާ ބައިގެ ތެރެއިން މަސްތުވާތަކެތި އަޅައިފައިވާ ތިން ރަބަރުޕެކެޓް ފެނިފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ޕެކެޓްތަކުން ފެނުނު ތަކެތި ތަހުލީލު ކުރި އިރު އޭގައި 0.0056 ގްރާމް ހެރޮއިން އާއި 0.0310 ގްރާމް ޒެނެކްސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
އޭނާ ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ އޭނާ ކުށްކުރި އިރު މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފާސްކޮށްފައި ނުވާތީ އެވެ.