09 Mar 2013, 11:55
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޗަކް ހޭގަލް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވަޑައިގެން ހުންނަވަނިކޮށް އަފްޣާން ޑިފެންސް މިނިސްޓްރީގެ ބޭރުގައި ބޮމުގެ ހަމަލާއެއްދީ ނުވަމީހުން މަރާލައި، އެތައް ބަޔަކު ޒަހަމްކޮށްލައިފިއެވެ.
އަފްޣާނިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ޑިފެންސް މިނިސްޓްރީގެ ބޭރުން ގާތްގަނޑަކަށް 30 މީޓަރު ދުރުގައި މީހަކު އަމިއްލައަށް މަރުވެގެން ދިން އެހަމަލާގައި މަރުވި އެންމެންނަކީ ވެސް އާއްމުން ކަމަށެވެ.
"މަރުވި އެންމެންނަކީ ވެސް އާއްމުން، ޒަހަމްވީ މީހުންގެ ތެރެއިން ދޭއް ނުވަތަ ތިން މީހުންނަކީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުން،" އަފްޣާނިސްތާނުގެ ފުލުހަކާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.
މި ހަމަލާގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފައެވެ. ނަމަވެސް އެމީހުން ބުނެފައި ވަނީ ހަމަލާގެ އަމާޒަކީ ހޭގެލް ނޫން ކަމަށެވެ.
" މިއީ އޭނާ ( ހޭގެލް) އަށް އަމާޒުކޮށް ދިން ސީދާ ހަމަލާއެއް ނޫން، ނަމަވެސް ( މިހަމަލާގައި ) އަހަރެމެންގެ މެސެޖެއް ވޭ، އެއީ އެމެރިކާގެ އިސް އޮފިޝަލަކު ހުއްޓައި ވެސް ކާބުލް އަށް ހަމަލާދިނުމުގެ ގާބިލުކަން އަހަރެމެންނަށް ލިބިގެންވާ ކަން" ތާލިބާނުންގެ ފަރާތުން އޭއެފްޕީއާ ވާހަކަ ދެއްކި ޒަބީހުﷲ މުޖާހިދު ބުނި ކަމަށް ނޫހުގައި ވެއެވެ.
ހަމަލާދިން ވަގުތު ހޭގަލް އިންނެވީ އަފްޣާނިސްތާނުގައި ތިބޭ ގުޅިފައިވާ ލަޝްކަރުގެ އިމާރާތެއްގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ކަމަށާއި އޭނާ ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށް އަފްޣާނުގެ ސަލާމަތީ އޮފިޝަލުން ބުންޏެވެ.
ހަމަލާދީފައި މިވަނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރުންނާއި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީއާ ބައްދަލުކުރައްވަން ހޭގެލް ހަމަޖައްސަވާފައި ވަނިކޮށެވެ. އެމެރިކާއިން ކުރާ އެންމެ ދިގު ހަނގުރާމައިގެ ނިމުމަކާ ހިސާބަށް ގޮސްފައި ވާއިރު އަފްޣާނިސްތާނުގެ ހާލަތު އަމިއްލަފުޅަށް ވަޒަން ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހޭގެލް އަފްޣާނިސްތާނަށް ވަޑައިގެންފައި މިވަނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ހަރަކާތްތައް މަދުކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެފައި ވަނިކޮށެވެ.