09 Mar 2013, 11:19
މިސީޒަނަށް ފަހު އިންގްލެންޑްގެ ފޯވަޑް ވޭން ރޫނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ދާނެ ކަމަށް ބުނެ މީޑިއާގައި ފެތުރިފައިވާ ވާހަކަތަކަށް އެ ޓީމުގެ ކޯޗު އެލެކްސް ފާގަސަން ރައްދުދީ އެކަން ދޮގު ކޮށްފި އެވެ.
ރޫނީއާ ބެހޭގޮތުން އިނގިރޭސި ބައެއް މީޑިއާތަކުގައި ބުނިފައި ވަނީ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ރޫނިއަށް ޖާގަ ނުލިބު އޮތް އޮތުމަކީ ކޯޗް ފާގަސަންއާ ރޫނީ އާދެމެދު އޮތް ހިޔާލްތަފާތު ވުމެއްގެ ސަބަބުން ވީކަމެއް ކަމަށެވެ. އަދި އެމެޗަށް ނިކުތުމުގެ ކުރިން ރޫނީއާ ފާގަސަން އެއްވެސް ވަރަކަށް ވާހަކަ ނުދައްކާކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތަކަށް ރައްދު ދެމުން ކޯޗް ފާގަސަން ބުނީ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލްއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން ޔުނައިޓެޑް ބަލިވިވެ ޔުނައިޓެޑް މުބާރާތުން ކެޓި މެޗުގައި ރޫނީ އަށް ފުރަތަމަ 11 އިން ޖާގަ ނުދިނީ އެމެޗަށް ޓީމް ރާވަންޖެހުނު ގޮތުން ކަމަށެވެ. އަދި މީޑިއާގައި ރޫނީއާ ބެހޭގޮތުން ތަފާތު ގިނަ ވާހަކަތަކެއް ފެތުރުނު ކަމަކު އަންނަ ސީޒަނުގައި ވެސް ރުނީ ހުންނާނީ ޔުނައިޓެޑްގައި ކަމަށް ފާގަސަން ބުންޏެވެ.
"އަންނަ ސީޒަނުގައި ވެސް ރޫނީ ހުންނާނީ ޔުނައިޓެޑްގަ. އަހަރެން ރޫނީ ވިއްކައެއް ނުލާނަން. ރޫނީއާ ބެހޭގޮތުން މީޑިއާގައި އެދައްކާ ވަހަކަ ތަކަކީ ހަގީގަތާ ހިލާފަށް ބަޔަކު ފަތުރަމުން އަންނަ ދޮގުވާހަކައެއް،" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި ރޫނީ ހިމަނާނެ ކަމަށާއި އަދި އެމަޗަށް ޔުނައިޓެޑުން ނިކުންނާނީ ޗެމްޕިއަންސް ލީގުގައި ދާދި ފަހުން އެލިބުނު ހިތި ނަތީޖާ ތަކުން އަރައިގަތުމަށް ކަމަށެވެ.